ބ. އަތޮޅު އާރުޓީއެލް ފެރީން 1500 އަށްވުރެ ގިނަ މީހުން ދަތުރުކޮށްފި

ބ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ފެށިގެން ފާއިތުވި ތިން ހަފްތާގެ ތެރޭގައި 1522 މީހުން މި ޚިދުމަތް ބޭނުންކޮށްފައިވާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

އާރްޓީއެލްގެ ޚިދުމަތް ބ. އަތޮޅުގައި ރަސްމީކޮށް ފައްޓަވައިދެއްވީ ރައީސް ޑރ މުހައްމަދު މުއިއްޒު، ބ. އަތޮޅުގެ ރަށްތަކަށް މިދިޔަ ހަފްތާ ކުރެއްވި ދަތުރުފުޅުގެ ތެރެއިން މި މަހުގެ 11 ވަނަ ދުވަހު އޭދަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ނަމަވެސް މި ޚިދުމަތް ނުރަސްމީކޮށް ފެށިފައިވަނީ ޖުލައި މަހުގެ 28 ވަނަ ދުވަހުއެވެ.

އެ ވުޒާރާއިން ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ޖުލައި 28 އިން އޮގަސްޓް 3 އާ ހަމައަށް 451 ފަރާތަކުން މި ޚިދުމަތް ހޯދާފައިވާއިރު، އޮގަސްޓް 4 އިން 17 އާ ހަމައަށް 1071 ފަރާތަކުން ވަނީ މި ޚިދުމަތް ބޭނުންކޮށްފައެވެ.

ބ. އަތޮޅުގައި މި ޚިދުމަތް ދެމުންދަނީ ދެ ރޫޓަކަށް ކަމަށާއި، މި ޚިދުމަތުގައި ބޭނުންކުރަނީ ހައި ސްޕީޑް ދެ ފެރީ ކަމަށް ވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި މި ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަހިވާނެ ގޮތަށެވެ.

އެހެން އަތޮޅުތަކެކޭ އެއްފަދައިން، ބ. އަތޮޅުގައިވެސް މި ޚިދުމަތް ފުރަތަމަ ހަފްތާގައި ކުރިއަށް ގެންގޮސްފައިވަނީ އަހުލުވެރިކުރުމުގެ ދަތުރުތަކެއްގެ ގޮތުގައި، އެއްވެސް ފީއެއް ނުނަގައެވެ. ރޫޓުތަކާއި ދަތުރުތަކަށް ނަގާ އަގުތައް އާރްޓީއެލްގެ އެޕްލިކޭޝަން އަދި ވެބްސައިޓުން ފެންނަން ހުންނާނެ ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.