
ލޯކަލް ޓޫރިޒަމްގައި ކުރިއަރާފައިވާ ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ކުރިއަށްދާއިރު، އަންނަ އަހަރުގެ ކުރީކޮޅު އިތުރު 40 ރަށެއްގައި ޑޮލަރު އޭޓީއެމް ބަހައްޓާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރޭ މުލީ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ވައުދު މިހާރު ވަނީ ފުއްދާފައި ކަމަށެވެ.
ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ޑޮލަރު އޭޓީއެމް ބަހައްޓާނީ ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުންނެވެ. މި މަޝްރޫއު އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“މިހާރު އަޅުގަނޑު ވާނީ ބޭންކުގައި ދަންނަވާފައި، ރާއްޖޭގައި ހުރިހާ އާބަން ސެންޓަރުތަކެއްގައި ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ރަށްތަކާއި ސިޓީތަކުގެ ތެރެއިން ޑޮލަރު އޭޓީއެމް ނުބެހެއްޓޭ ތަންތަނާއި ލޯކަލް ޓޫރިޒަމްގައި އެންމެ ކުރިއަރާފައިވާ ރަށްތަކުގެ ތަރުތީބުން ނަގައިގެން ޖުމްލަ 40 ރަށުގައި، އިތުރު 40 ރަށުގައި މި އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ބަހައްޓަން،” ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން، ނޮވެމްބަރު 11 އިން ފެށިގެން ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ޕީއޯއެސް މެދުވެރިކޮށް ޑޮލަރު ކެނޑޭ އަދަދު 500 ރުފިޔާއިން 1,000 ރުފިޔާއަށް އިތުރުކުރާނެ ކަމަށާއި، އެއާލައިން ޓިކެޓާއި ބޭރު ހޮޓާތަކަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3,000 ޑޮލަރަށް ބޮޑުކުރަން ނިންމާފައިވާ ކަމަށްވެސް ރައީސް މުއިއްޒު އިއުލާންކުރެއްވިއެވެ.