
ރ. އަލިފުށީގައި ބީއެމްއެލް އިން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން، އެ ރަށުގައި ހުންނަ ބީއެމްއެލް ބްރާންޗުގެ އާ އިމާރާތެއް އަޅަން ބިންގާ އަޅައިފި އެވެ.
ބީއެމްއެލްގެ އާ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ މިއަދު ހެނދުނު އެރަށުގައި ބޭއްވި މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް، އާދަމް ޝަރީފު ޢުމަރާއި އާއި ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބް އަދި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އަލިފުށީގައި އާ ބްރާންޗެއްގެ ބިންގާ އެޅިގެން ދިޔުމަކީ ރ. އަތޮޅުގައި ބީއެމްއެލްގެ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ.

“މި އައު ބްރާންޗުގެ މަސައްކަތް ކުރިއަށް އޮތް އަހަރުގެ ތެރޭގައި ނިންމާލެވޭނެ، މިއާއެކު މިރަށުގެ ރައްޔިތުންނަށް މިހާރަށްވުރެވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބޭނެ.”
މިހާރުވެސް ބޭންކުން އަންނަނީ ރ. އަތޮޅުގެ އުނގޫފާރާއި ދުވާފަރާއި މީދޫގައި ގާއިމުކޮށްގައިފައިވާ ބޭންކުގެ ބްރާންޗްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެމުންނެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 179 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 237 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.