
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ސްނޯކްލިން ގިނިސް ވޯލްޑް ރެކޯޑެއް ހެދުމަށް ބޭއްވި “ބާނި” އިވެންޓް ދުނިޔޭގެ ވޯލްޑް ރެކޯޑް ފޮތަށް އަރައިފި އެވެ.
ބ. އަތޮޅު ދުނިޔޭގެ ރިކޯޑް ފޮތަށް އެރީ އެންމެ ގިނަ ބަޔަކު އެއްފަހަރާ އެއް ވަގުތެއްގައި ސްނޯކަލް ކޮށްގެންނެވެ. އެގޮތުން މި އިވެންޓްގަިއ ވަނީ އެއްފަހަރާ 623 މީހުން އެއް ވަގުތު ސްނޯކަލް ކޮށްފަ އެވެ.
މިއަދު ހަވީރު ބ. ވިލިގިލިފަރު ފިނޮޅުއި އޮތް މި އިވެންޓްގަިއ ބައިވެރިން ރެކޯޑް ހެދުމަށް 90 ސިކުންތު ވަންދެން މޫދު އަޑީގައި ތިބެން ޖެހުނެވެ.

މި ކާމިޔާބީއަށްފަހު ބޭއްވުނު ރަސްމިއްޔާތެއްގައި، ގިނަސް ވޯލްޑް ރެކޯޑްސްގެ ރަސްމީ އެޖުޑިކޭޓަރަކު ވަނީ ބ. އަތޮޅު ކައުންސިލަށް ހަނދާނީ ފިލާ ހަވާލުކުރައްވާފައެވެ. މި ރަސްމިއްޔާތުގައި މިއުޒިކާއި، ކުޅިވަރުތަކާއި، ފަޔަރވޯކްސްތަކެއް ދައްކާލެވުނެވެ.
“ބާނި” އަކީ ބ. އަތޮޅުގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށާއި ފަރުތަކަށް ލިބޭ ތިމާވެށީގެ ގެއްލުންތަކަށް އަހުލުވެރި ކުރުވުމުގެ ގޮތުން ބޭއްވި ހަރަކާތެކެވެ.