
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލަޝިޕް ފަންޑް 2025 ލިބޭ ދަރިވަރުން މިއަދު އިއުލާންކޮށްފި އެވެ.
މި ސްކޮލަޝިޕް ލިބުނީ މުޙައްމަދު ޢާހިލް އަޙްމަދު އާއި މަރްޔަމް ޖައިޝާން ޖަލީލު އަދި މުޙައްމަދު ޝައުން ޙިލްމީ އަށެވެ.
ބީއެމްއެލް ސްކޮލަރޝިޕް ފަންޑަކީ ތައުލީމީ ގޮތުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވާސިޓީއަކުން ބޭންކިންގ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ އަންޑަރ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރުމަށް ބޭންކުން ހުރިހާ ހަރަދެއް ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.
މި ސްކޮލަރޝިޕަކީ ރާއްޖޭގެ ބޭންކިންގ އަދި ފައިނޭންސް ދާއިރާ ކުރިއަރުވައި، އިތުރަށް ހަރުދަނާ ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރަމުން އަންނަ މުހިންމު ޕްރޮގްރާމެކެވެ.
ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ވަނީ މި އަހަރު ސްކޮލަރޝިޕް ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވާފައެވެ.
“މި ކާމިޔާބީއަކީ ތިޔަ ދަރިވަރުންގެ ހިތްވަރާއި މިންނެތް މަސައްކަތުގެ ނަތީޖާ. މި ފުރުސަތާއެކު ތިޔަ ދަރިވަރުންގެ ފަންނީ ގާބިލުކަން އިތުރުކޮށް، އަދި ތައުލީމް ހާސިލްކޮށް ނިމުމުން ރާއްޖޭގޭ މާލީ ދާއިރާގެ ތަރައްގީއަށް މުހިންމު ދައުރެއް އަދާކޮށްދޭނެ ކަމަށް އަޅުގަނޑު އުއްމީދުކުރަން.”
2022 ވަނަ އަހަރުން ފެށިގެން ބީއެމްއެލް ސްކޮލާޝިޕްގެ ދަށުން މިހާތަނަށް ހޮވުނު 9 ދަރިވަރުން އަންނަނީ އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ މަތީ ފަންތީގެ ޔުނިވާސިޓީތަކުގައި ތައުލީމު ހާސިލުކުރަމުންނެވެ.