
ކުރިއަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގެ ކުރިން އަތޮޅު ކައުންސިލުތައް އުވައިލުމަށްފަހު، އެ ކައުންސިލުތައް އުވައިލުމުން ސަލާމަތްކުރެވޭ ފައިސާ ރަށްރަށު ކައުންސިލުތަކަށް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ ފައިސާ ބޭނުންކުރެވޭނީ ރަށްރަށުގައި ތިބޭ ނާޒުކު ހާލަތުގައި ތިބި، އެހީތެރިކަން ބޭނުންވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މިކަން ހާމަކުރެއްވީ ފާދިއްޕޮޅުގެ އޮޅުވެލިފުއްޓަށް ކުރެއްވި ޒިޔާރަތުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ، އަތޮޅު ކައުންސިލުތައް އުވައިލުމަކީ ގާނޫނުއަސާސީ ބަދަލުކޮށްގެން ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަތޮޅު ކައުންސިލުތައް އުވައިލުމުން ސަލާމަތްވާ ފައިސާ ރަށު ކައުންސިލުތަކަށް ދޫކުރާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ކުއްލި އެހީތެރިކަން ބޭނުންވާ މީހުންނަށް ހާއްސަކޮށްގެން، އިޖުތިމާއީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ ޝަރުތާއެކުގައެވެ.
ރައީސް އިޝާރާތްކުރެއްވި ގޮތުގައި، ކައުންސިލުތަކުގެ މެންޑޭޓުގައި އިޖުތިމާއީ ގޮތުން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފޯރުކޮށްދިނުން ހިމެނެއެވެ. އަދި މި ހަފުތާ ތެރޭގައި މަޖިލީހަށް ހުށަހަޅާނެ އަންނަ އަހަރުގެ ބަޖެޓު ފަރުމާކޮށްފައިވަނީ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފުޅާކޮށް ފުރިހަމައަށް ފޯރުކޮށްދިނުމަށް މަގުފަހިވާނެ ގޮތަށެވެ.
މި ބަދަލަކީ އެ މަގުސަދުތައް ހާސިލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

