
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ހިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޅ. ހިންނަވަރުގައި އެ ބޭންކުގެ ބްރާންޗެއް ގާއިމުކުރުމަށް މިއަދު ބިންގާ އަޅައިފި އެވެ.
އެ ބްރާންޗުގެ ބިންގާ އެޅީ ރައީސް ޑރ. މުހައްމަދު މުއިއްޒު ޅ. އަތޮޅަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހިންނަވަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
އެ ރަސްމިއްޔާތުގައި ރައީސް މުއިއްޒުގެ އިތުރުން ބައެއް މިނިސްޓަރުންނާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
މިހާރުވެސް ބޭންކުން އަންނަނީ ޅ. ނައިފަރުގައި ގާއިމުކޮށްފައިވާ ބޭންކުގެ ބްރާންޗް މެދުވެރިކޮށް، އަތޮޅުގެ ރައްޔިތުންނަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދެމުންނެވެ. އަދި ބޭންކުން ވަނީ އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ސެލްފް-ސަރވިސް އޭޓީއެމްގެ ޚިދުމަތްވެސް ގާއިމުކޮށްފައެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 200 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 258 އޭޓީއެމްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

