
ބ. އަތޮޅުގެ ތިމާވެށި ހިމާޔަތްކުރުމަށް ގާއިމްކޮށްފައިވާ “ބ. އަތޮޅު ކޮންޒަވޭޝަން ޓްރަސްޓް ފަންޑު” ބަލަހައްޓާ ގޮތުން ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު އެބައޮތް ކަމަށް އެންވަޔަރަމެންޓަލް އޮޑިޓް ރިޕޯޓެއްގައި ބުނެފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި މި ރިޕޯޓަކީ ބ. އަތޮޅުގައިވާ ގުދުރަތީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ ތަންތަން ހިންގުމުގެ ނިޒާމާ ގުޅޭ ރިޕޯޓެކެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ގޮތުގައި، ބަޔޮސްފިޔާ ރިޒާވެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބ. އަތޮޅުން ލިބޭ ހުރިހާ އާމްދަނީއެއް ޖަމާކުރަން މި ފަންޑު ގާއިމްކޮށްފައިވީ ނަމަވެސް، ފަންޑު ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވެ އެވެ. މީގެ ތެރޭގައި ގަވާއިދުން ފަންޑު ބޯޑުގެ ބައްދަލުވުންތައް ނުބޭއްވުމާއި، ބަޖެޓް އެޕްރޫވްކޮށްފައި ނުވުން ހިމެނެ އެވެ. މީގެ އިތުރުން، ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން 2012 ވަނަ އަހަރުގެ ފަހުން އެއްވެސް ކަމެއް ކޮށްފައިވާކަން ކަށަވަރު ކުރެވެން ނެތް ކަމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.
ފަންޑުގެ މާހަރާކަމާއި (ޓްރާންސްޕޭރެންސީ) ނަޒާހަތްތެރިކަމަށް ބުރޫއަރާ ކަންތައްތަކެއް ހުރިކަން ރިޕޯޓުން ވަނީ ހާމަވެފަ އެވެ. ފަންޑުގެ ފައިސާ ހަރަދުކޮށްފައިވާ ގޮތާއި އެހެނިހެން މައުލޫމާތު އާންމުންނަށް ލިބޭނެ ގޮތަށް ވެބްސައިޓުގައި އަދާހަމަކޮށްފައި ނުވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އަހަރީ ރިޕޯޓުގައި ހިމަނަން ޖެހޭ ހުރިހާ މައުލޫމާތެއް ވެސް ހިމަނާފައި ނުވެ އެވެ.
“މީގެ ސަބަބުން ފަންޑު މެނޭޖުކުރާ ގޮތާއި މެދު ރައްޔިތުންގެ އިތުބާރު ކުޑަވެ، ފަންޑުގެ މާހަރާކަމާއި (ޓްރާންސްޕޭރެންސީ) ނަޒާހަތްތެރިކަމަށް ނޭދެވޭ އަސަރުކުރުމުގެ ފުރުސަތު އޮތުން،” ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.
ބ. އަތޮޅަކީ ގުދުރަތީ ގޮތުން ރައްކާތެރިކޮށް ދަމަހައްޓާ 14 ތަން އޮންނަ އަތޮޅެކެވެ. މި ފަންޑަށް އާމްދަނީ ލިބެނީ ހަނިފަރު ބޭ ސަރަހައްދަށް ވަނުމަށް ނަގާ ފީންނާއި، ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކަށް ވަންނަ ޑައިވް ސެންޓަރުތަކުން ނަގާ ފީގެ އިތުރުން ދައުލަތުގެ ބަޖެޓާއި ބައިނަލްއަގުވާމީ އެހީގެ ގޮތުގަ އެވެ. މި ފަންޑުގެ ބޯޑު އެކުލެވިގެން ވަނީ ބ. އަތޮޅު ކައުންސިލާއި، އެލްޖީއޭ، ތިމާވެށި މިނިސްޓްރީ، އީއާރުއޭ، ރިސޯޓުތަކާއި ލިވްއެބޯޑް އެސޯސިއޭޝަން، ބަޔޮސްފިޔާ ރިޒާވް އޮފީސް، އަދި ފަންޑުގެ މެނޭޖިން ޑިރެކްޓަރ ހިމެނޭ ހަ މެމްބަރުންގެ މައްޗަށެވެ.
އޮޑިޓް ރިޕޯޓުގައި ވަނީ ފަންޑުގެ މެނޭޖްމަންޓްގައި ހުރި މި ކަންކަން އިސްހާލުކޮށް، ފަންޑުގެ ހިންގުން ހަރުދަނާކުރުމަށް ލަފާ ދީފަ އެވެ.

