
އުރީދޫން މިއަދު ހަވީރު ބޭއްވި އެ ކުންފުނީގެ އެންމެ ބޮޑު ދުވުން “އުރީދޫ ފަން ރަން” އަކީ މިހާތަނަށް އެންމެ ގިނަ ބައިވެރިން ހިމެނުނު ފަންރަން ހަރަކާތް ކަމަށް ބުނެފި އެވެ.
މާލޭގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުގައި ވެސް ބާއްވަމުން އަންނަ ފޯރިގަދަ މި ދުވުމަށް އަބަދުވެސް ގިނަ ބައެއްގެ ބޮޑު ތަރުހީބެއް ލިބެ އެވެ.
ހުޅުމާލޭގައި މިއަދު ހަވީރު ބޭއްވި މި އަހަރުގެ ދުވުމުގައި 7،000 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ. އެކި އުމުރުގެ މީހުން ބައިވެރިވި މި ދުވުމުގައި މި ފަހަރު ވެސް އެކި މަޖާ އޮބްސްޓަލްތަކާއި ފޯމް ޕާޓީ އާއި ކުލަ ޖެހުން އޮތެވެ.

މި އަހަރުގެ ފަން ރަން ޝަރަފުވެރި ކޮށްދެއްވީ ހޯމް މިނިސްޓަރު އަލީ އިހުސާނާއި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީންގެ އިތުރުން އުރީދޫގެ އިސްވެރިންނެވެ.
މި ދުވުމުގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ތިން މީހަކަށް ސްރީ ލަންކާގެ ކޮލޮމްބޯ އަށް ދަތުރުކުރާ ފްލައިޓް ޓިކެޓް ފިޓްސް އެއާގެ ފަރާތުން ވަނީ ދީފަ އެވެ. އަދި ނަސީބުވެރި އެކަކަށް ބޫޓްރޫމްގެ އެކްސްކްލޫސިވް ގިފްޓް ހެމްޕަރެއް ލިބޭނެ އެވެ. އޭގެ ތެރޭގައި ފުޓްބޯޅަ ބޫޓާއި ޖާޒީ އާއި ސްނޯކަލް ކިޓާއި އެކި އިނާމުތައް ވަނީ ދީފަ އެވެ.

މި އަހަރުގެ ފަން ރަން ހަރަކާތުގެ ފޯރި އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން، ރޭ ވަނީ މިޔުޒިކް ޝޯއެއް ވެސް ބާއްވައިފަ އެވެ. މަޝްހޫރު އެކި ފަންނާނުންގެ ހުށައެޅުންތައް ފެނުނު އެ ޝޯ އަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބުނެވެ.
އުރީދޫ ފަން ރަން އަކީ ދުޅަހެޔޮކަން އިތުރުކުރުމަށް، ހަރަކާތްތެރިވެ އުޅުމަށް ހިތްވަރުދީ، އާއިލާ އާއި ރަހުމަތްތެރިންނާއި އެކު މަޖާ މާހައުލެއްގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ދިނުމުގެ ގޮތުން އުރީދޫން ބާއްވަމުންދާ ދުވުމެކެވެ. މި ދުވުން ރާއްޖޭގެ އެކި ރަށްރަށުގައި ވެސް މިހާރު ދަނީ ބާއްވަމުންނެވެ.

