
މި އަހަރު ބޭއްވި ގައުމީ މަޒުމޫނު ލިޔުމުގެ މުބާރާތާއި ކުރުވާހަކަ ލިޔުމުގެ މުބާރާތުން ބ. އަތޮޅު ތައުލީމީ މަރުކަޒުން ކާމިޔާބީތަކެއް ހޯދައިފި އެވެ.
މި ކާމިޔާބީތަކުގެ ތެރޭގައި އެ ސްކޫލަށް ދެ ބައިން 3 ވަނަ ލިބުމުގެ އިތުރުން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.
މި މުބާރާތްތައް ބާއްވާފައިވަނީ ދިވެހިބަހާއި ސަގާފަތަށް އަހައްމިއްޔަތުކަން ދިނުމާއި ދަރިވަރުންގެ ލިޔުންތެރިކަމުގެ ހުނަރު އިތުރުކުރުމުގެ މަޤްސަދުގައެވެ.
މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތުން ބ. އަތޮޅު ތައުލީމީ މަރުކަޒުންވަނީ ސާނަވީ ބައިން 3 ވަނަ އަދި ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތުން މަތީ ސާނަވީ ބައިންވެސް 3 ވަނަ ހޯދާފައެވެ.
މީގެ އިތުރުން ފާހަގަކޮށްލެވޭ ވަކިވަކި ކާމިޔާބީތަކުގެ ތެރޭގައި، މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތުން ސާނަވީ ގިންތިން އެންމެމޮޅު 10 ދަރިވަރުންގެ ތެރޭގައި އ ސްކޫލުގެ ފާޠިމަތު ރައުފާ ރިޔާޟް އަދި އާމިނަތު ޒާރާ ސަމީރު ވަނީ ހިމެނިފައެވެ.

އޭގެތެރެއިން ފާޠިމަތު ރައުފާ ރިޔާޟް 1 ވަނަ ހޯދާފައިވާއިރު، އާމިނަތު ޒާރާ ސަމީރު ވަނީ 3 ވަނަ ހޯދާފައެވެ.
މަޒުމޫނު ލިޔުމުގެ 40 ވަނަ ޤައުމީ މުބާރާތުން މަތީ ސާނަވީ ގިންތިން އެންމެމޮޅު 10 ދަރިވަރުންގެ ތެރޭގައި އެ ސްކޫލުގެ އާމިނަތު އިބާނާ އަޒުލީން ވަނީ ހިމެނިފައެވެ. އަދި ކުރުވާހަކަ ލިޔުމުގެ 37 ވަނަ ޤައުމީ މުބާރާތުން މަތީ ސާނަވީ ގިންތިން އެންމެމޮޅު 10 ދަރިވަރުންގެ ތެރޭގައި އާއިޝަތު އީނާސް ޢަބްދުއްރަޙީމް ހިމެނިފައިވެއެވެ.
ދިވެހިބަހާ ބެހޭ މިނިސްޓްރީން މި އަހަރު ބޭއްވި އަދަބީ މުބާރާތްތަކާއި އަތުލިޔުން މުބާރާތުގެ އިނާމުދިނުމަށް ހުޅުމާލެ 2 ގައި ހުންނަ ސަލާހުއްދީން ސްކޫލް ހޯލުގައި ރޭ ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

