ބ. އަތޮޅު ތައުލީމީ މަރުކަޒުގައި އަލަށް ހަދާ 4 ބުރީގެ އާ އިމާރާތުގެ ބާރަ ކްލާސް ރޫމުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ސިމެސްޓާ ނިމުމުގެ ކުރިން ނިމޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ވޯލްޑް ބޭންކާއި ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދާ “އެންހޭންސް އެޑިޔުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް” ދަށުން 9 މިލިއަން ރުފިޔާއަށް މާރިސް ކޮންސްޓަރަކްޝަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ހަދާ މި އިމާރާތުގެ މަސައްކަތް ފެށީ ފެބްރުއަރީ މަހު އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު “އީޓީ” އަށް ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓާގެ ކިޔެވުން ނިމުމުގެ ކުރިން އެތަން ބޭނުން ކުރަން ފެށޭވަރުވާނެ ކަމަށެވެ. އެ އިމާރާތުގައި މިހާރު ކުރިއަށްދަނީ ފިނިޝިންގެ މަސައްކަތް ތަކެވެ.
“ކޮންޓެރްކްޓް ބުނާގޮތުން އަންނަ އަހަރުގެ ފެބްރުއަރީ ނުވަތަ މާޗު މަހުގެ ނިޔަލަށް އިމާރާތް ނިންމަން މި ޖެހެނީ. ނިންމުމަށްފަހު އެތަނަށް ވައްދަންޖެހޭ ފަރުނީޗަރު ފަދަ ތަކެތިވެސް ހުންނާނެ. އަޅުގަނޑުން އުއްމީދު މިކުރަނީ އަންނަ އަހަރުގެ ފުރަތަމަ ސެމިސްޓަ ނިމުމުގެ ކުރިން ތަނުގެ ބޭނުން ކުރެވޭނެކަމަށް. މިހާރު ކުރިއަށް މިދާގޮތުން އަންނަ ސެމިސްޓާގެ މެދުތެރޭގައި [މާޗުމަހު ތާނގައި] އިމާރާތުގެ ބޭނުން ހިފޭވަރުވާނެ،”
މި މަޝްރޫއު ބ. އަތޮޅު ތައުލީމީ މަރުކަޒަށް އަމާޒުކުރީ އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނިގޮތުގައި، އެ ސްކޫލަކީ ރަށުން ބޭރުން އެންމެ ގިނަ އަދަދަކަށް ތައުލީމު ހާސިލްކުރުމަށް ކުދިން އަންނަ ސްކޫލަށް ވެފައި އެ ސްކޫލުގައި ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައި ވާތީ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ހަމައަށް 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން އަންނަ އެ ސްކޫލުގައި މިހާރު ކިޔަވައިދެނީ ދެ ދަންފަޅި އަށެވެ.
ނަމަވެސް އާ އިމާރާތް ބޭނުންކުރަން ފެށުމާއެކު އެއް ދަންފަޅިއަށް ސްކޫލުގެ ކިޔެވުން ބަދަލުކުރުމަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން އަންނަނީ މަސައްކަތް ކުރަމުންނެވެ.