ބ. އަތޮޅުގެ ރިސޯޓަކުން ޕިކްނިކް އައިލެންޑްގެ ގޮތުގައި ބޭނުންކުރާ ބަތަލާއިން ސާމާނުތަކެއް ވަގަށް ނެގި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 23 އަހަރާއި 35 އަހަރާ ދެމެދުގެ ހަތަރު ފިރިހެނުންނާއި 16 އަހަރުގެ ކުއްޖެކެވެ.
ފުލުހުން ބުނިގޮތުގައި ވަގަށް ނަގާފައިވާ ސާމާނުތައް ފެނުނީ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ރ. މަޑުއްވަރީން މި މީހުން ދިރިއުޅޭ ގޭގެ އިންނާއި އެރަށުގެ ފަޅު ގެއެއްގެ ތެރެއިންނެވެ.
ބަތަލާއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި 5 ކިލޯ ވޯޓްގެ ޕޯޓަބަލް ޖަނަރޭޓަރަކާއި ބީޗުގައި ބޭނުންކުރާ 10 ގޮނޑި އާއި ކަރަންޓް ވައިރިންއަށް ބޭނުންކުރާ ސާމާނާއި ޓެންޓް ސަތަރި ފަދަ ތަކެތި ހިމެނެ އެވެ.
އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ރ. މީދޫ ޕޮލިސް ސްޓޭޝަން ގުޅިގެން މި މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.