ބ. އޭދަފުށީ ބަނދަރު ސަރަހައްދުގައި ހަދާ ފެރީ ޓާމިނަލުގެ ކޮންކްރީޓް މަސައްކަތް ނިމުނުގޮތަށް ހުންނަތާ އަހަރަކަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ.
ފެރީ ޓާމިނަލްގެ ކޮންކްރީޓް މަސައްކަތް ނިންމީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އޭގެ ފަހުން މިއަދާ ހަމައަށް އަހަރަކަށްވުރެ ގިނަ ދުވަސްވީ އިރުވެސް ޓާމިނަލުގެ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުދެއެވެ.
އީޓީ އަށް އެނގިފައިވާ ގޮތުގައި މި މަޝްރޫއަށް ކުރިން ބ. އަތޮޅުގައި ހިންގި އެޓޯލް އިކޯ ސިސްޓަމް (އޭއީސީ) ޕްރޮޖެކުޓުން ތިން ލައްކައަށްވުރެ ގިނަ ރުފިޔާ ވަނީ ދީފަ އެވެ.
އޭދަފުށީ ކައުންސިލުގެ މެމްބަރު މުހައްމަދު ރިޒާ މިދިޔަ އަހަރު އޮކްޓޯބަރުމަހުތެރޭ އީޓީ އަށް ވިދާޅުވި ގޮތުގައި ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިޔަށްގެންދާ މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ހިމެނޭ ޓާމިނަލް ހިޔާކުރުމާއި، ރާނާ ސިމެންތި ޖެހުންފަދަ މަސައްކަތްތައް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ އެވެ. އަދި މިދިޔަ އަހަރުގެ ނިޔަލަށް ފެރީ ޓާމިނަލްގެ މައިގަނޑު މަސައްކަތްތައް މުޅިން ނިންމާލެވޭވަރު ވާނޭކަމަށްވެސް ރިޒާ ކުރިން ވަނީ “އީޓީ” އަށް ވިދާޅުވެ ފައެވެ.
ނަމަވެސް މީގެ ހަފްތާއެއްހާ ދުވަސްކުރިން “އީޓީ” އާ ވާހަކަ ދައްކަމުން ރިޒާ ވިދާޅުވީ ފެރީ ޓާމިނަލުގެ މަސައްކަތް ނުނިމި ދިގު ދެމިގެންދިޔައީ އެތަނުގެ ކުރެހުމަށް ބަދަލުތަކެއް ގެންނަން ޖެހުމުންނާއި ބައެއްކަހަލަ ހިޔާލު ތަފާތުވުންތަކާ ގުޅިގެން ކަމަށެވެ.
“ފެރީޓާމިނަލުގެ މަސައްކަތް ލަސްވުމުގައި ރައްޔިތުންގެ ތެރޭގައިވެސް ހިޔާލު ތަފާތުވުންތަކެއް ކޮންމެވެސް ވަރަކަށްހުރި. [ފެރީ އަޅަން ފެށުމާއެކު] ބަނދަރު ކުޑަވެގެން ބަނދަރު ސްޓޭޖް ސަރަހައްދަށް ފުޅާ ކުރުމުގެ ވާހަކަ ތަކެއްވެސް ދެކެވުނު،” ރިޒާ ވިދާޅުވި އެވެ.
“މިފަހަރު ބަޓެޓް އޮތް ވަރަށް ފެރީ ޓާމިނަލް ކޮމްޕްލީޓް ކުރާނަން،”
އޭދަފުށީ ބަނދަރު ސަރަހައްދުގެ ހުޅަނގު އުތުރު ކަންމަތީގައި އިމާރާތްކުރާ ފެރީ ޓާމިނަލު ޑިޒައިން ކޮށްފައިވަނީ ދަތުރުވެރިން މަޑުކޮށްލުމަށް ތިބޭ ފެންޑާއަކާ ފިހާރައަކާ ދެ ޖިންސްގެ މީހުންބޭނުން ކުރުމަށް ދެ ފާޚާނާގެ އިތުރުން ގުދަނެއް ހިމެނޭ ގޮތަށެވެ.