ފުލުހުންނަށް އަމާޒުކޮށްގެން ޕޮލިސް އެކަޑަމީން ބ. އޭދަފުށީގައި ހިންގި ޕަބްލިކް އޯޑަރ ޓްރެއިނިންގ ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ.
ފުލުހުންގެ ވެބްސައިޓްގައިވާ ގޮތުގައި މިދިޔަ އަންގާރަ ދުވަހު ބ. އޭދަފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ނޮދަން އޮޕަރޭޝަންސް ކޮމާންޑްގެ ޑެޕިއުޓީ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ 13 ން ޑިސެމްބަރު 20 ގެ ނިޔަލަށް އޭދަފުށީގައި ކުރިއަށްގެންދިޔަ މި ކޯސް 29 ފުލުހަކު ފުރިހަމަ ކުރިއެވެ.
މި ކޯހުން އެއްވަނަ ހޯދީ ޕޮލިސް ލާންސް ކޯޕްރަލް އަޙްމަދު ރިފްޝާން އެވެ. ރިފްޝާން ވަނީ މި ކޯހުގައި ހިމެނޭ 4 ކިލޯމީޓަރު ދުވުން 18 މިނިޓް 19 ސިކުންތުން ނިންމައިގެން ޕަބްލިކް އޯޑަރ ޓްރެއިނިން ކޯހުގެ 4 ކިލޯ މީޓަރު ދުވުމުގެ ރެކޯޑްވެސް ހަދާފަ އެވެ. ކުރިން 4 ކިލޯމީޓަރު ދުވުމުގެ ރެކޯޑަކީ 19 މިނިޓް 53 ސިކުންތެވެ.
ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދުތަކާއި އިންޓަނޭޝަނަލް ބެސްޓް ޕްރެކްޓިސްއާ އެއްގޮތްވާގޮތުގެ މަތިން ޤާނޫނާއި ޤަވާއިދާ ޚިލާފަށް އެއްވާ އެއްވުންތައް ރޫޅާމުގެ ހުނަރުތަކާއި ޓެކްޓިކަލް ޓްރެއިނިން އާއި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައުމަށް ބޭނުންކުރާ އުކުޅުތައް މި ކޯހުގައި ކިޔަވައިދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.