ބ. ކެންދޫ ބަނދަރު ހެދުމުގެ މަސައްކަތް އަންނަ ފެބްރުއަރީމަހުގެ ނިޔަލަށް ނިންމާލެވޭވަރުވާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
އިނގެރޭސި ވިލާތުގެ ކުންފުންޏެއް ކަމަށްވާ ކެޕިޓަލް އިންވެސްޓްމަންޓްގެ އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޑެޓުން ކެންދޫ ބަނދަރު ހެދުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހު ތެރޭގަ އެވެ. މި މަޝްރޫއަށް ސަރުކާރުން 29 މިލިއަނެއްހާ ރުފިޔާ ހަރަދު ކުރެ އެވެ.
ކެންދޫ ކައުންސިލްގެ ރައީސް އަބްދުލްޣައްފާރު ގާސިމް ވިދާޅުވީ ކެންދޫ ބަނދަރު ހެނދުމުގެ މަސައްކަތުގެ 90 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުންދަނީ ބަނދަރުގެ އެއްގަމު މަގުގައި ގާ އެތުމުރުމުގެ މަސައްކަތް ކަމަށް ވެސް އަބްދުލް ޣައްފާރު ވިދާޅުވި އެވެ.
ކެންދޫ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭއިރު ބަނދަރުގެ ބޮޑުމިނުގައި ގާތްގަޑަކަށް 540 ފޫޓް ދިގު އަދި ފުޅާ މިނުގައި 180 ފޫޓް ހުންނާނެ އެވެ. މިއީ ކުރީގެ ބަނދަރަށްވުރެ 100 ވަރަކަށް ފޫޓް ދިގެވެ.
އޭގެ އިތުރުން ކުރީގެ ބަނދަރު ތެރެއިން ތިލަވެފައިވާ ސަރަހައްދުތަކާއި އަލަށް ހަދަންފެށި ބަނދަރު ސަރަހައްދު މެދު ދިޔައިން 3 މީޓަރަށް ވަނީ ފުންކުރާނެ އެވެ. އަދި މި ބަނދަރުގައި ވަނީ 145 މީޓަރު ދިގުމިނަށް ބޮޑުހިލައިގެ ރިވެޓްމަންޓު ޖަހައި، ކޮންކްރީޓް ބްލޮކް ބޭނުންކޮށްގެން 262 މީޓަރު ދިގުމިނުގައި އެއްގަމު ތޮއްޓެއްވެސް ލައިފަ އެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނި ގޮތުގައި ކެންދޫ ބަނދަރުގެ މަސައްކަތް އެއްކޮށް ނިމޭއިރު އެއްގަމު ތޮއްޓާއި އިންވެގެން 181 މީޓަރު ދިގު 5 މީޓަރު ފުޅާ ޕޭވްމަންޓެއްވެސް ހަދާނެ އެވެ. އަދި ބަނދަރު ނެރު ބައްތި ޖެހުމާއި، ބަނދަރު ސަރަހައްދު ބައްތި ޖެހުންފަދަ މަސައްކަތްތައްވެސް ހިމެނެ އެވެ.