އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާޓްސް އާއި ފޭލި ޖަމިއްޔާ ގުޅިގެން އެމެރިކާގެ މަޝްހޫރު ވިލްޓަން މެތަޑުގެ ކޭކު އަޅަން ދަސްކޮށްދޭ ކޯހެއް އޭދަފުށީގައި ފަށައިފި އެވެ.
މިރޭ މި ކޯސް އިފްތިތާހު ކޮށްދެއްވައި ކޯހުގެ ބައިވެރިންނަށް ކިޓް ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ނަސްރާ އެވެ.
މި ކޯހުގައި ކިޔަވައިދެނީ އީއެފްއީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާޓްސްގެ ކޮލިފައިޑް ލެކްޗަރާއިންނެވެ.
ފޭލި ޖަމިއްޔާގެ ނައިބް ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ މިއީ އެ ޖަމިއްޔާއިން ފަންނީ ބިނާކުރުމަށް ހިންގާ ކޮމްޕޯނަންޓްގެ ދަށުން މިއަހަރު ފެށި ފުރަތަމަ ކޯސް ކަމަށެވެ.
“އަޅުގަނޑުމެންގެ އަމާޒަކީ ގޭގައި ތިބެގެން ނަފާ ހޯދަން ބޭނުންވާ މީހުންނަށް ވީހާވެސް ކައިރިން ތަމްރީން ޕްރޮގްރާމްތައް ހިންގޭނެ ގޮތްތަކެއް ފަހިކޮށްދިނުން. އެގޮތުން މިއީ އިންޓަނޭޝަނަލް ފެންވަރުގެ މިކަހަލަ ކޯސްތަކެއް ބ އަތޮޅުގައި ހިންގޭ ފުރަތަމަ ފަހަރު،” ރަޝީދު ވިދާޅުވި އެވެ.
ފޭލި ޖަމިއްޔާއިން ބުނި ގޮތުގައި މި ކޯސް ފުރިހަމަކުރާ ފަރާތްތަކަށް ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބޭނެ އެވެ.