ބ. އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މާރެސްގެ އަންހެން ޑިވިޝަން ވޮލީ މުބާރާތް އަންނަ މާޗު 17 ގައި ފަށާ ގޮތަށް ހަމަޖައްސައި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މާރެސް ޖަމިއްޔާއިން ބުނި ގޮތުގައި މިއަހަރުގެ މުބާރާތުގައި ބައިވެރިވާ މިއަތޮޅުގެ ރަށްތަކުން މި މަސް ނިމުގެ ކުރިން އެ ޖަމިއްޔާއަށް ހުށަހަޅަން ޖެހެއެވެ.
އެ ޖަމިއްޔާއިން ބުނި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގްސަދަކީ އަތޮޅުގައި ތިބި އަހެން ވޮލީކު ޅުންތެރިންނަށް މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމާއި، އެ ކުޅުންތެރިންގެ ވޮލީގެ ހުނަރު ތަރައްގީކުރުމާއި ކުޅުންތެރިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަ ކަން އިތުރުކުރުމެވެ. އަދި މީގެ އިތުރުން، މި ކުޅިވަރުގެ ތެރެއިން އަތޮޅުގެ އަންހެން ކަނބަލުންނަށް ދުޅަހެޔޮސިއްހަތެއް ހޯދައިދިނުންވެސް ހިމެނެއެވެ.
މިއީ މާރެސް އިން މި މުބާރާތް ބާއްވާ ދެވަނަ އަހަރެވެ.
މާރެސް އިން ފާހަގަ ކުރި ގޮތުގައި މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އަދަދު މަދުކަމުގައި ވީނަމަވެސް އުންމީދު ކުރިވަރަށްވުރެ މުބާރާތުގެ ފޯރިގަދަ ވެގެންދިޔަ އެވެ. އަދި ޓީމުތަކުން ހުނަރުވެރި ޒުވާން ކުޅުންތެރިންވެސް ފެނިގެންގޮސްފައިވާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
“މިއަހަރުގެ މުބާރާތުގައި ގިނަޓީމުތަކެއް ބައިވެރިވާނެކަމުގެ އުންމީދު ބޮޑު،”
މުބާރާތުގެ ޗެމްޕިއަންޓީމަށް ހުށަހަޅާފައިވަނީ -/10،000ރުފިޔާ އެވެ.
މާޅޮސް ބަލިކޮށް މިދިޔަ އަހަރު މި މުބާރާތުގެ ޗެމްޕިއަން ކަން ހޯދީ ދަރަވަންދޫއެވެ. މުބާރާތުގައި ދެން ވާދަކުރީ ކަމަދޫ އެވެ.