
މިހާރު ބ،އޭދަފުށީގައި ފެށިގެން ކުރިޔަށްދާ ބ،އެޓޯލް ޔުނިޓީ ފުޓްސަލް ޗެލެންޖުގައި މިއަދު ހަވީރު ކުޅުނު މެޗްތަކުން އަނަންތަރާ ކިހަވަށް މޮޅުވެ ދަރަންދޫގެ ކިންގްސް ޔުނައިޓެޑާއި އިރުމަތި ލަވާރސް ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެވެ.
މިއަދު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކުރީ ކިންގްސް ޔުނައިޓެޑާއި އިރުމަތީ ލަވާރސްއެވެ. މި މެޗް ނިމުނީ 3-3 ގެ ނަތީޖާއަކުން ދެޓީމުވެސް ހަަމަހަމަ ވެގެންނެވެ. މި މެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ކިންގްސް ޔުނައިޓެޑުންނެވެ. މި ލަނޑު ފުރަތަމަ ހާފްގައި ކާމިޔާބުކޮށްދިނީ މުހައްމަދު ނާޝިދެވެ. މި މެޗްގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 0-1 ގެ ނަތީޖާއަކުން ކިންގްސް ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ކިންގްސް ޔުނައިޓެޑަށް 2 ލަނޑުގެ ލީޑެއް ނަގައިދިނީ އީމާން އިލްޔާސްއެވެ. އޭގެ އިރުކޮޅެއް ފަހުން އިރުމަތީ ލަވާރސް ގެ ޝާހީ މޫސާ ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެހެން ނަމަވެސް ކިންގްސް ޔުނައިޓެޑުންވަނީ އެޓީމުގެ 3 ވަނަ ލަނޑު ޖަހާ 1-3 އަކަށް ނަތީޖާ ބަދަލުކޮށްލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާޝިދެވެ. މެޗް ގެ ބާކީ އޮތް ވަގުތު ކޮޅުގައި އިރުމަތީ ލަވާރސް އިންވަނީ 2 ލަނޑު ޖަހާ ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑުތަށް ކާމިޔާބުކޮށްދިނީ ހައިޝަމް ހަސަން އަދި މޫސަ ސައީދްއެވެ.

މިއަދުގެ ދެވަނަ މެޗްގައި ކިހަވަށް ސްޓްރައިކާޒް އާއި ކިހާދް މޯލްޑިވްސް ބައްދަލުކުރި މެޗް ނިމުނީ 1-4 ގެ ނަތީޖާއަކުން ކިހަވަށް ސްޓްރައިކާޒް މެޗް ކާމިޔާބުކޮށްގެންނެވެ. މި މެޗްގައި ކިހަވަށް ސްޓްރައިކާޒްގެ ލަނޑުތަށް ކާމިޔާބުކޮށްދިނީ އަލީ މާއިޝް އަދި ހުޒައިފަތް ރަޝީދެވެ. މި ދެކުޅުންތެރިން ކޮންމެ ކުޅުންތެރިއެއްވެސް ވަނީ 2 ލަނޑު ޖަހާފައެވެ. ކިހަވަށް ސްޓްރައިކާޒް ގެ ގޯލް ކީޕަރ ވަނީ މި މެޗްގައި މޮޅެތި ސޭވްތަކެއްކޮށްފައެވެ. އަދި ކިހާދް މޯލްޑިވްސް އަށް ވަނީ ލަނޑު ޖަހާނެ ރަގަޅު ފުރުސަތު ތަކެއް ލިބި އޭގެ ބޭނުން ނުކުރެވިފައެވެ. ކިހާދް މޯލްޑިވްސް އިން މި މެޗްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މައުމޫން އަބްދުލް ގައްޔޫމެވެ.
މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކިހަވަށް ސްޓްރައިކާޒް ގެ ޖާޒީ ނަންބަރ 10 އަލީ މާއިޝްއެވެ.
މި މުބާރާތުގައި މާދަމާ ހަވީރުވެސް ދެ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗްގައި 16:05 ގައި ބައްދަލުކުރާނީ މާޅޮސް ޔޫތް ކްލަބާއި ސޮނެވާފުއްޓެވެ. ދެވަނަ މެޗްގައި 17:05 ގައި ބައްދަލުކުރާނީ ކޮކޯޕާމް އާއި ކިންގްސް ޔުނައިޓެޑްއެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ ރެޑްވޭވް އެވެ. ބެވަރޭޖް ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ކޮކާކޯލާ ކޮންޕެނީއެވެ. ޓެލްކޮމް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު ބްރޯޑްކާސްޓިން މީޑިޔާ ޕާޓްނަރަކީ ވީޓީވީ އެވެ. އަދި އޮންލައިން މީޑިޔާ ޕާޓްނަރަކީ އީޓީ އެވެ.
