
މިދިޔަ އަހަރުގެ މިނިވަން ޗެމްޕިއަންޝިޕަށްފަހު އޭދަފުށީ ޓީމަށް ކުޅުން ހުއްޓާލި ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލް މަޖީދު އިބްރާހީމް (މަޖިއްޓޭ) ގެ އެނބުރި އައުމާއެކު އޭދަފުށި މިފަހަރުވެސް ނިކުންނާނީ ރާއްޖޭގެ ޗެމްޕިއަންކަން ހޯދަންކަމަށް ޓީމުގެ ކޯޗު މުހައްމަދު ޒާހިދު (ބައްޓޭ) ބުނެފިއެވެ.

މުބާރާތަށް އޭދަފުށީ ޓީމު އެކުލަވާލުމަށްފަހު ކުރީގެ މަޝްހޫރު ކުޅުންތެރިޔާ ބައްޓޭ “އީޓީ” އާ ވާހަކަދައްކަމުން ބުނީ ޓީމުގެ އެންމެ ފުރަތަމަ އަމާޒަކީ އަތޮޅު މުބާރާތާއި ޒޯން މުބާރާތް ކާމިޔާބު ކުރުންކަމަށެވެ.
“މަޖިއްޓޭ ޓީމާ އަލުން ގުޅުނީ ޓީމުން ބޭނުންވެގެން. ޓީމަށް އަދިވެސް މަޖިއްޓޭ މުހިއްމު. ޒުވާން ކުޅުންތެރިން ތަކަކާއެކު މަޖިއްޓޭގެ ތަޖުރިބާ މިފަހަރުވެސް ބޭނުންކުރެވޭނެ. ޓީމުގެ އަމާޒަކީ މިއަހަރުވެސް ރާއްޖޭގެ ޗެމްޕިއަންކަން ހޯދުން. އެކަމަށް ޓީމު ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ. އެކި ސަބަބުތަކާހުރެ ޓީމަށް މިފަހަރުވެސް އެންމެ އެކަށީގެންވާ ވަރަށް ތައްޔާރު ނުވެވޭ،” މިދިޔަ އަހަރުވެސް ޒޯން މުބާރާތާ ހަމައަށް ޓީމުގެ ކޯޗުގެ މަގާމް އަދާކުރި ބައްޓޭ ބުންޏެވެ.
މިފަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގައި އޭދަފުއްޓާއި ދަރަވަންދޫ ބައްދަލުކުރާ ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ އޭދަފުށީގައެވެ. ފުރަތަމަ މެޗު މިއަދު ހަވީރު ކުޅޭއިރު ދެވަނަ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހު ހަވީރު އެވެ.
މިއަދުގެ މެޗަށް ނިކުންނައިރު ޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ކުޅުންތެރިން އެކުގައި ޕްރެކްޓިސް ނުކުރެވުމުގެ މައްސަލަ ކަމަށް ޓީމުން ބުނެއެވެ. މިއަދުގެ މެޗުގައި މުހިއްމު ބައެއް ކުޅުންތެރިންނަށް ނުކުޅެވޭއިރު ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ދޭނެކަމަށް ބެލެވެ އެވެ.
މިދިޔަ އަހަރުވެސް ދަރަވަންދޫ ވަނީ މި މުބާރާތުގެ އަތޮޅު ބުރުގައި ބައިވެރިވެފަ އެވެ. ނަމަވެސް މެޗަށް ހާޒިރު ނުވުމުން އެފްއޭއެމް އިން ވަނީ އެ ޓީމު ޖޫރިމަނާ ކޮށްފަ އެވެ. ނަމަވެސް މިފަހަރުގެ މުބާރާތުގެ ދެ މެޗަށްވެސް ދަރަވަންދޫ ހާޒިރުވާނެކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
2015 ވަނަ އަހަރު ފެށި މިނިވަން ޗެމްޕިއަންޝިޕްގެ ފުރަތަމަ މުބާރާތުގައި އޭދަފުށި ވަނީ ތިންވަނަ ހޯދާފައެވެ. އަދި މިދިޔަ އަހަރު މި މުބާރާތް އޭދަފުށި ކާމިޔާބު ކުރީ ފައިނަލުގައި ތ. ތިމަރަފުށި 1-0 އިން ބަލިކޮށްގެންނެވެ.
