ވަރަށް ބޮޑަށް ބާވެ، ސީލިންގުން ބައެއް ހަލާކުވެފައިވާ އޭދަފުށީ މަސްޖިދު ސުލްތާން މުހައްމަދު މުއީނުއްދީން (ހުކުރު މިސްކިތް)ގައި މިހާރުހުރި ސީލިން ބަދަލުކުރުމުގެ މަސައްކަތް އިއްޔެ ފަށައިފި އެވެ.
ސީލިން ބަދަލުކުރުމުގެ މަސައްކަތް ފެށުމަށްޓަކައި، އެ މިސްކިތުގެ އުތުރުފަޅި މިހާރު ވަނީ ބަންދު ކޮށްފަ އެވެ.
އެ މިސްކިތް ސީލިން ބަދަލުކުރުމުގެ ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ އޭދަފުށީ ރިނޯން ކުންފުނިންނެވެ.
ރިނޯން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަސައްކަތަށް ސަރުކާރުގެ ބަޖެޓުން ހަ ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރެ އެވެ. މި މަޝްރޫއު ނިންމާލަން ހަމަޖައްސާފައިވަނީ 50 ދުވަހުގެ ތެރޭގައި ކަމަށް ވިއަސް އޭގެ ކުރިން އަންނަ ރޯދައަށް މަސައްކަތް ނިންމަން މަސައްކަތްކުރާނެ ކަމަށް ކޮންޓްރެކްޓަރު ބުނެ އެވެ.
އޭދަފުށީ ކައުންސިލުން ބުނި ގޮތުގައި ސީލިން އާ ކުރުމުގެ މަސައްކަތުގެ ދަށުން ސީލިން އެކީ ބަދަލުކޮށް މިހާރު ހުރި ފަންކާތަކާއި ލައިޓްތައްވެސް ބަދަލުކުރާނެ އެވެ.
މިސްކިތުގެ ސީލިން ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ހުކުރު މިސްކިތް ހޫނުގަދަވާ މައްސަލަ އަށް ހައްލެއް ހޯދުމަށް، ރޯދައަށް މިސްކިތް އޭސީކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އޭސީ ހަރުކުރުމަށްޓަކައި މިހާރުވަނީ ވަކިން ކަރަންޓް ކޭބަލުވެސް އަޅައިފަ އެވެ.
ރަށު ކައުންސިލުން ބުނީ މިސްކިތް ސީލިން ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އޭސީ ހަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެ ކަމަށެވެ.
އެއްފަހަރާ އަށްސަތޭކަ އެއްހާ މީހުންނަށް ނަމާދު ކުރެވޭގޮތަށް ބިނާކޮށްފައިވާ އޭދަފުށި ހުކުރު މިސްކިތަކީ ސަރުކާރުގެ އެހީއާއެކު، އޭދަފުށި ރައްޔިތުން ހިލޭސާބަހަށް މަސައްކަތް ކޮށްގެން 1995 ވަނައަހަރު ބިނާކޮށް ނިންމި މިސްކިތެކެވެ. އޭގެފަހުން އެ މިސްކިތުގައި މިހާތަނަށް ކުރެވުނު މައިގަނޑު ބޮޑެތި މަރާމާތުތައް ކޮށްފައިވަނީ އޭދަފުށި ރައްޔިތުން ހިލޭ ސާބަހަށެވެ.