
“ޕްރިޕެއިޑް ރިވޯޑްސް” ގެ ނަމުގައި ހިލޭ ކޯލް ކުރެވޭ ފްރީ މިނެޓާއި ހިލޭ އެސްއެމްއެސް އަދި މޮބައިލް އިންޓަނެޓް ބޭނުންކުރަން ހިލޭ ޑާޓާ ލިބޭ ސްކީމެއް ދިރާގުން ތައާރަފުކޮށްފި އެވެ.
ދިރާގުން އިއްޔެ ރާއްޖެއަށް މުޅިން އަލަށް ތައާރަފް ކުރި މި ޚިދުމަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ ކުންފުނީގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު މިރުޝާން ހަސަން ވިދާޅުވި ގޮތުގައި މުޅިން އަލަށް ތައާރަފް ކުރި “ޕްރީޕެއިޑް ރިވޯޑްސް” ސްކީމް އަކީ އެ ކުންފުނިންދޭ ޚިދުމަތްތައް ކުންފުނީގެ ކަސްޓަމަރުން އެންމެ ބޭނުންވާ ގޮތަށް ބައްޓަން ކުރުމުގެ ގޮތުން ކަސްޓަމަރުންގެ ޚިޔާލުތައް ހޯއްދަވައިގެން ތައާރަފްކުރި ހިދުމަތެކެވެ. އަދި ވިދާޅުވީ އެ ކުންފުނީގެ 285،000 ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން މިފަދަ ސްކީމެއް ތައާރަފުކުރީ ގިނަ ކަންތައްތަކަށް ބެލުމަށް ފަހު ކަމަށެވެ.
ދިރާގުން ތައާރަފު ކުރި މި ސްކީމްގައި ބައިވެރި ވާން ބޭނުންވާ ފަރާތްތަކުން ކީވޯޑްގެ ގޮތުގައި “ރިވޯޑްސް” ޖެހުމަށް ފަހު 454 އަށް އެސްއެމްއެސް ކުރުމުން ހިލޭ ބައިވެރިވެވޭނެ އެވެ. ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ތައާރަފު ކުރި މި ސްކީމުގެ ދަށުން އެ ކަސްޓަމަރެއް ދިރާގުގައި ހޭދަކޮށްފައިވާ މުއްދަތެއްގެ މައްޗަށް ބަލައި ބޯނަސްގެ ގޮތުގައިވެސް ހިލޭ ޕޮއިންޓް ލިބެ އެވެ. އެ ގޮތުން ހަ މަހާއި އެއް އަހަރާ ދެމެދުގެ ކަސްޓަމަރުންނަށް 50 ޕޮއިންޓް ބޯނަސްގެ ގޮތުގައި ލިބޭއިރު، 2-1 އަހަރާ ދެމެދު ކަސްޓަމަރުންނަށް 100 ޕޮއިންޓް އަދި 3-2 އަހަރާ ދެމެދުގެ ކަސްޓަމަރުންނަށް 200 ޕޮއިންޓް ލިބެ އެވެ. އަދި ތިން އަހަރަށްވުރެ ގިނަ ދުވަސްވީ ކަސްޓަމަރުންނަށް 300 ޕޮއިންޓް ބޯނަސްގެ ގޮތުގައި ލިބެ އެވެ.
ދިރާގު ޕްރިޕެއިޑް ރިވޯޑް ސްކީމުގެ ދަށުން ޕްރިޕެއިޑް ކަސްޓަމަރުން ހޭދަކުރާ ކޮންމެ 10ރ. އަަކަށް ފަސް ޕޮއިންޓްސް ލިބެ އެވެ. އެ ގޮތުން 200 ޕޮއިންޓް ހަމަކުުރުމުން 50 އެސްއެމްއެސް ހިލޭ ލިބޭއިރު، 30 ހިލޭ މިނެޓު ލިބެ އެވެ. އަދި ހިލޭ ޑާޓާ ގޮތުގައި 50 އެމްބީ ވެސް ހިލޭ ލިބެ އެވެ. އަދި 400 ޕޮއިންޓަށް 100 ހިލޭ އެސްއެމްއެސް ލިބޭއިރު ހިލޭ 60 މިނެޓު ލިބެ އެވެ. އަދި މީގެ އިތުރުން 100 އެމްބީގެ ޑާޓާ ވެސް ހިލޭ ލިބެ އެވެ. އަދި 600 ޕޮއިންޓަށް 150 ހިލޭ އެސްއެމްއެސް އާއި 90 ހިލޭ މިނެޓްސް ލިބޭއިރު ހިލޭ ޑާޓާ ގޮތުގައި 90 އެމްބީ ލިބެ އެވެ. އަދި މި ޕޮއިންޓްސް ބޭނުންކޮށްގެން ހިލޭ ކޯލް ކުރުމާއި ޑާޓާ ބޭނުން ކުރުމަށް ނުވަތަ އެސްއެމްއެސް ކުރުމަށް އެކަމަށް ހާއްސަ ކީވޯޑެއް ޖެހުމަށް ފަހު 454 އަށް އެސްއެމްއެސް ކުރުމުން ޕެކޭޖު ނެގޭނެ އެވެ.
ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަން އެގްޒެކެޓިވް އިމްޖާދު ޖަލީލް ވިދާޅުވީ މި ސްކީމުގެ ދަށުން ލިބޭ ޕޮއިންޓްސްތައް ބޭނުން ކުރުމަށް ވެލިޑިޓީ ޕީރިއަޑްގެ ގޮތުގައި އެއް އަހަރު ދުވަސް ލިބޭއިރު މި އެންމެ ގިނައިން ކަސްޓަމަރަކަށް އެއް ކުރެވޭނީ 10،000 ޕޮއިންޓްސް ކަމަށެވެ.
ދިރާގުން ބުނީ މި ހިދުމަތާ ބެހޭ ގޮތުން އެއްވެސް މައުލޫމާތެއް ކަސްޓަމަރުން ހޯދަން ޖެހިއްޖެ ނަމަ “ހެލްޕް” ޖެހުމަށް ފަހު 545 އަށް އެސްއެމްއެސްއެއް ފޮނުވުމުން ލިބޭނެ ކަމަށާއި، އަދި މީގެ އިތުރުން #123* އަށް ގުޅުމަށް ފަހު މެނޫ ހަތެއް ނެގުމުން ވެސް މައުލޫމާތު ލިބޭނެ ކަމަށެވެ.