ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ) އިން އޭދަފުށީގައި ބޭއްވި ގުރުއާން މުބާރާތުން އެއްވަނަ މިރަށު އަލިތަރި، އަޝްހާ އަލީ ވަހީދާއި ހިތާދޫ އެރޯމާ، ނުހާ އިޝްހާޤު ހޯދައިފި އެވެ.
އަޝްހާ މި މުބާރާތުން އެއް ވަނަ ހޯދީ ހިތުން ކިޔެވުމުގެ ބައިންނެވެ. ނުހާ އެއް ވަނަ ހޯދީ ބަލައިގެން ކިޔެވުމުގެ ބައިންނެވެ. މި ދެ ކުދިންނަށް ވަނީ އަމިއްލަ ފަރާތަކުން ހުށަހެޅި 5000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފަ އެވެ.
މި މުބާރާތުން ވަނަތައް ހޯދި ކުދިންނަށް އިނާމު ދިނުމަށް ރޭ ހާއްސަ ހަފުލާއެއް ބާއްވާފައި ވެ އެވެ. އެއްވަނަ އަދި ދެވަނައިގެ އިތުރުން، އެހެން ވަނަތަކަށް ހޮވުނު ކުދިންނަށް ވެސް ފައިސާގެ އިނާމާއި ޓްރޮފީ އަދި ހަނދާނީ ލިޔުން ދީފައިވެ އެވެ. އަދި މުބާރާތުގައި ބައިވެރިވި ކޮންމެ ކުއްޖަކަށްވެސް ހަނދާނީ އިނާމެއްދިނެވެ.
މި މުބާރާތުން ހިތުން ކިޔެވުމުގެ ގޮފިން ދެވަނަ ހޯދީ ހިތާދޫ އުތުރުގެ އަބާހު އިބްރާހީމް ހޯދިއިރު ތިންވަން ހޯދީި މިރަށު އުނިމާގޭ ޝާތިއާ މުހައްމަދު އެވެ. ބަލައިގެން ކިޔެވުމުގެ ގޮފިން މިރަށު ފަރިވާގޭ އިސްމާއިލް ޒާއިން ދެވަނަ ހޯދިއިރު، ތިންވަނަ ލިބުނީ ހިތާދޫ އަސަރީވިލާ އައިޝަތު ނަޖްލާ އަށެވެ.
މި ރޯދަމަހުގެ 19 އިން 22 އަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި 395 ދަރިވަރުން ބައިވެރިވި އެވެ.
ފޭލި ޖަމިއްޔާއިން ގުރުއާން މުބާރާތް ބާއްވާތާ މިއީ 15 ވަނަ އަހަރެވެ.
ފޭލި ޖަމިއްޔާއިން އަންނަނީ އޭދަފުއްޓަށް ގިނަ ކަންތައްތަކެއް ކޮށްދެމުންނެވެ. އެގޮތުން މިރަށު ބަހިއްޔާ ޕްރީ ސްކޫލު އިމާރާތް ކުރުމާއި ސްކޫލު ޑިޖިޓަލްކުރުމުގެ ޕްރޮޖެކްޓަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމާއި ފަންނީ މީހުން ބިނާކުރުމުގެ ގޮތުން ހިލޭ ސާބަހަށް ތަފާތު ކޯސްތައްވެސް ހިންގާފައިވެ އެވެ.