ކުރިއަށް އޮތް ތިން އަހަރު ރާއްޖޭގެ އެންމެ ބޮޑު ލީގު ދިވެހި ޕްރިމިއާ ލީގުގެ ސްޕޮންސަރަކަށް އުރީދޫ ހަމަޖައްސައި މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމުގައި މިއަދު އޮތް ސޮއިކުރުމުގެ ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބް ހާން އެވެ. އަދި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް ވިދާޅުވީ އުރީދޫ އަކީ ދިވެހި ފުޓްބޯޅަ އަށް ފަހަކަށް އައިސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެއް ފަރާތް ކަމަށާއި އެ ކުންފުނީގެ އެހީގައި ދިވެހި ފުޓްބޯޅަ އާ އުސްމިނަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އަބަދު ވެސް އޮންނަ ކަމަށެވެ. އަދި އޭނާ މި ފަހަރު ލީގުގައި އަތޮޅުތަކުގެ ޓީމުތައް ވެސް ކުޅުމުން މީގެ ފައިދާ އުރީދޫ އަށް ވެސް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނަޖީބް ވިދާޅުވީ އުރީދޫ އަކީ މުޖުތަމައު ތެރޭގެ ހަމަޖެހުމާއި ގުޅުން ބަދަހި ކުރުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުން އަންނަ ކުންފުންޏެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެފްއޭއެމް އާއި އުރީދޫއާ ދެމެދު އޮތް ގުޅުން ކުރިއަށް ގެންދިއުމަކީ އެ ކުންފުނިން ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށެވެ.
މިފަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގް ފޯރިގަދަ ކުރުމުގެ ގޮތުން އެފްއޭއެމުން ވަނީ ގިނަ ހަރަކާތްތަކެއް ހިންގުމަށް ރާވާފަ އެވެ. އެގޮތުން، ލީގް އޯޕަނިން ސެރުމަނީ އަށް، އެފްއޭއެމުން ވަނީ، ފްރާންސްގެ ވޯލްޑްކަޕް ތަރި މާސެލް ޑެސައިލީ އަށް ދައުވަތު ދީފަ އެވެ. އަދި މިއަހަރުގެ ލީގަށް ހާއްސަކޮށް ފެންޓަސީ ލީގެއް އެފްއޭއެމުން ވަނީ ތާރަފު ކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަމަށްވާ މާޒިޔާ، ގްރީންސްޓްރީޓްސް، ނިއު ރޭޑިއަންޓް، ޓީސީ ސްޕޯޓްސް ކްލަބް އަދި މިނިވަން ޗެމްޕިއަންޝިޕުގެ ގަދަ ހަތަރެއް ކަމަށްވާ ދ. ކުޑަހުވަދޫ، ގދ. ތިނަދޫ، ށ. މިލަންދޫ އަދި އއ. މާޅޮހެވެ.
އަންނަ ހުކުރު ދުވަހުގެރޭ ލީގުގެ ފުރަތަމަ މެޗުގައި އެސްޓީއޯ މާލޭ ލީގުގެ ޗެމްޕިއަން މާޒިޔާ ނުކުންނާނީ މިނިވަން ޗެމްޕިއަންޝިޕް ޗެމްޕިއަން ދ.ކުޑަހުވަދޫއާ ދެކޮޅަށެވެ.