ޓެކްސްދައްކާ ފަރާތްތަކާއި ޢާންމު ފަރުދުން ރާއްޖޭގައި ގާއިމު ކުރެވިފައިވާ ޓެކުހުގެ ނިޒާމަށް އަހުލުވެރި ކުރުމުގެ ގޮތުން ‘ ޓެކްސް ވީކް’ ގެ ނަމުގައި އެއް ހަފުތާގެ ހަރަކާތްތަކެއް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ފަށައިފި އެވެ.
މި ޓެކްސް ވީކުގެ މަގުސަދުތަކުގެ ތެރޭގައި ކުރިއަށް އޮތް ޖީއެސްޓީ އަދި ބީޕީޓީގެ މުހިއްމު ކަމާއި ޓެކްސް ދައްކާ ފަރާތްތައް އަހުލުވެރި ކުރުވުން ކަމަށް މީރާ އިން މަޢުލޫމާތު ދެއެވެ. ޓެކްސް ވީކު ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން ފަނަރަވަނަ ދުވަހުން އެކާވީސް ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޓެކްސް ވީކުގެ ތެރޭގައި ސްކޫލު ކުދިންނަށް މަޒުމޫނު ލިޔުމާއި ކުރެހުމުގެ މުބާރާތެއް މީރާއިން ވަނީ ހުޅުވާލާފަ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި މީރާގެ އިންފޮމޭޝަން ޑެސްކު ބެހެއްޓުމާއި މީރާ އޯޕަން ޑޭ އެއް ބޭއްވުން ހިމެނޭ ކަމަށްވެސް މީރާއިން މަޢުލޫމާތު ދެއެވެ.
މީރާ އޯޕަން ޑޭގެ މަގުސަދަކީ އެ އޮތޯރިޓީން ފޯރުވައިދޭ ޚިދުމަތްތަކާއި ވަޒީފާގެ ފުރުސަތުތަކާ ބެހޭ މަޢުލޫމާތު ދިނުން ކަމަށް އެ އޮތޯރިޓީން ބުނެއެވެ. މީގެ އިތުރުން ޓެކްސް ވީކުގެ އެންމެ ފަހު ދުވަހު ‘ މީރާ ވޯކު ‘ ގެ ނަމުގައި ހިނގާލުމަކާއި ރޯޑު ޝޯވއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް މީރާއިން ބުނެއެވެ.
މި ޓެކްސް ވީކަކީ ޢާންމުން ޓެކުހަށް ހޭލުންތެރި ކުރުވުމަށް އެ އޮތޯރިޓީން ކުރަމުން އަންނަ މަސައްކަތުގެ ބައެއް ކަމަށާއި މި ފަހަރު މިފާހަގަ ކުރާ ހަފުތާގައި ޓެކްސްދައްކާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށް އުއްމީދު ކުރާކަމަށްވެސް މީރާ އިން ބުނެއެވެ.