ރައީސް އަބްދުﷲ ޔާމީން މިމަހު ފަހުކޮޅު އޭދަފުއްޓަށް ވަޑައިގަންނަވާތީ، މިރޭ ރަށު ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރާގޮތަށް ހަމަޖެހިއްޖެ އެވެ.
އޭދަފުށީ ކައުންސިލުން ބުނިގޮތުގައި، ކައުންސިލުން މިރޭ ރައްޔިތުންނާއެކު ބާއްވާ ބައްދަލުވުމަކީ ރައީސް ޔާމީން އޭދަފުއްޓަށް ވަޑައިގަންނަވާތީ ރައްޔިތުންނަށް އެ ދަތުރުފުޅާ ބެހޭ މައުލޫމާތު ދިނުމަށާއި މަޝްވަރާކޮށްލުމުގެ ގޮތުން ބާއްވާ ބައްދަލުވުމެކެވެ.
މި ބައްދަލުވުން އޮންނާނީ ރަށު ކައުންސިލުން ބުނިގޮތުގައި މިރޭ 9:00 ގައި އޭދަފުށީ މަލްޓިޕާޕަސް ހޯލުގަ އެވެ.
މި ދަތުރުފުޅާ ގުޅޭ ގޮތުން ރައީސް އޮފީހުން އަދި ވާހަކައެއް ނުދައްކަ އެވެ.
އެކަމަކު އީޓީއަށް އެނގިފައިވާ ގޮތުގައި ރައީސްގެ މި ދަތުރުފުޅަކީ ރ އަދި ބ އަތޮޅުގެ ބައެއް ރަށްރަށުގައި ކުރިއަށްދާ ތަރައްގީގެ މަޝްރޫއުތައް ބައްލަވާ ލެއްވުމަށާއި ސަރުކާރުން ހިންގި މަޝްރޫއުތަކެއްގެ ނިމުން ފާހަގަކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރައީސް ޔާމީން މިރަށަށް ވަޑައިގަންނަވާ ދެ ވަނަ ފަހަރެވެ. 2014 ވަނަ އަހަރު ރައީސް އޭރު އޭދަފުއްޓަށް ވަޑައިގެންނެވީ މިރަށުގެ ބިން ހިއްކުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވުމަށެވެ.
ރައީސް ޔާމީން މިއަހަރު އޭޕްރިލް މަހުވެސް އޭދަފުއްޓަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހުނެވެ. ނަމަވެސް ރައީސްގެ އެ ދަތުރުފުޅު ދެ ފަހަރެއްގެ މަތިން ފަސްކުރެއްވިއިރު، އޭދަފުށި ވަނީ އެ ދަތުރުފުޅަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
ކުރިން އެ ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާ ގޮތަށް އޮތީ، މަޝްރޫއުތަކެއް އިފްތިތާހުކުރުމަށާއި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށެވެ. އެހެންވެ ބެލެވޭ ގޮތުގައި މި ދަތުރުފުޅުގައި އާ މަޝްރޫއުތައް އިފުތިތާހު ކޮށްދެއްވައި ރައްޔިތުންނާ ވާހަކަފުޅު ދައްކަވާނެ ކަމަށް ބެލެވެ އެވެ.


