
މިހާރު ކުރަމުންދާ ވިއްސާރައިގައި އޭދަފުއްޓަށް ބޯކޮށް ވާރޭ ވެހި، އެކި ހިސާބުތަކުގައި ފެންބޮޑުވެއްޖެ އެވެ.

އޭދަފުށީ ކައުންސިލުގެ ރައީސް ތޮލާލު އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، ރޭ ދަންވަރު އާއި މިއަދު ހެނދުނު ކުރި ވިއްސާރައިގައި މިރަށުގެ ބައެއް މަގުތަކުގައި ހިނގާ މީހުންނާއި ވެހިކަލްތައް ދުއްވަން ދަތިވާ ވަރަށް ފެންބޮޑުވެފައި ވެ އެވެ.
އަދި ތިން ގެއަކަށް ފެން ވަދެގެން ރިޕޯޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ބައެއް އަޑި ހިސާބުތަކުގައި ދޮޅު ފޫޓެއްހާ ވަރަށް ފެން ބޮޑުވި، އެ ސަރަހައްދުތަކުން ފެން ހިއްކުމުގެ މަސައްކަތުގައި މިއަދު ހެނދުނު 9:30 އިން ފެށިގެން އަތޮޅު ކައުންސިލާއި ރަށު ކައުންސިލުގެ މުވައްޒަފުން އަންނަނީ ހަރަކާތްތެރިވަމުން، އަދި ފުލުހުންގެ އެހީތެރިކަން ވެސް އަންނަނީ ލިބެމުން،”
މޫސުމާ ބެހޭ އިދާރާއިން ބުނި ގޮތުގައި ކުރިއަށް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ އެވެ. އަދި މި ވިއްސާރައިގައި މެދުތެރެއާއި އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށްވާރޭވެހުންވެސް އެކަށީގެންވާ ކަމަށް މޫސުމާބެހޭ އިދާރާއިން ބުންޏެވެ.
