
ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ކިޔެވުން މިއަދުން ފެށިގެން އެއް ދަންފަޅިއަށް ބަދަލުކޮށްފި އެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށުމާއެކު މިއަދުން ފެށިން އެ ސްކޫލުގެ ކިޔެވުން ރަސްމީކޮށް އެއް ދަންފަޅިއަށް ބަދަލުކުރުމާ ގުޅިގެން ސްކޫލުގެ ކިޔެވުން 13:00 ގައި ނިމޭނެ އެވެ. ދަރިވަރުން ސްކޫލަށް ހާޒިރުވާން ޖެހެނީ 6:40 އަށެވެ.
އަދި މި ބަދަލާއެކު އިތުރު ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ކޮންމެ ބުރާސްފަތި ދުވަހެއްގެ މެންދުރުކުރި 11:45 ން 13:00 އަށް ކަމަށް އެ ސްކޫލުން ބުންޏެވެ.
ބ. އަތޮޅު ތައުލީމީ މަރުކަޒުން މިއަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށޭއިރަށް އެއް ދަންފަޅިއަށް ބަދަލުކުރުމަށް މަސައްކަތްކުރި ނަމަވެސް ތަފާތު އެކި ސަބަބުތަކާހުރެ އެއް ދަންފަޅިއަށް ކިޔެވުން ފެށޭ ގޮތް ވަނީ ނުވެފަ އެވެ.
ނަމަވެސް މި ބަދަލާއެކު ދަރިވަރުންނާއި ބެލެނިވެރިން އަދި ޓީޗަރުންނަށް ވެސް ގިނަ ފަސޭހަ ތަކެއްލިބިގެންދާނެ ކަމަށް އެ ސްކޫލުން ބުނެވެ.
1978 ވަނައަހަރުން ފެށިގެން ތައުލީމް ދެމުންއަންނަ ބ. އަތޮޅު ތައުލީމީ މަރުކަޒުގައި މިއަހަރު 700 އަށްވުރެ ގިނަކުދިން އަންނަނީ ތައުލީމް ހާސިލުކުރަމުންނެވެ.
