ފަސް އަހަރުތެރޭ އެއް ބިލިއަން ޑޮލަރުގެ ހުއިފިލަނޑާ ބޭރުކުރާނަން: ނަޝީދު

bb

 

އެމްޑީޕީ ސަރުކާރެއްގެ ފަސް އަހަރުތެރޭ އެއް ބިލިއަން ޑޮލަރު (15.350 ބިލިއަން ރުފިޔާ) ގެ ހުއިފިލަނޑާ ރާއްޖެއިން ބޭރު ކުރާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ބ. ތުޅާދޫގައި ބޭއްވި “އެއްބުރުން” ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ރޭ ވިދާޅުވީ އެމްޑީޕީއިން 2008 ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ރާއްޖެއިން ބޭރު ކުރަމުންދިޔައީ 30 ޓަނުގެ ހުއިފިލަނޑާ ކަމަށާއި ނަމަވެސް މިހާރު އެ އަދަދު އެއްލައްކަޓަނަށް އިތުރުވެފައިވާ ކަމަށެވެ.

އެމްޑީޕީގެ އަމާޒަކީ އެއްބިލިއަން ޑޮލަރުގެ ހުއިފިލަނޑާ ރާއްޖެއިން ބޭރު ކުރުން ކަމަށާއި އެމަސައްކަތް އެމްޑީޕީއިން ކާމިޔާބު ކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

“ރާއްޖޭގެ ކަނޑާއި ފަޅުގެ ރޯއްޖަކީ މިރާއްޖޭގެ ރައްޔިތުންނަށް އެމަސައްކަތް ކޮށްގެން އެތަކެތިން ރަނގަޅު އާންމުދާނީއެއް ހޯދޭނެ ކަނޑުތަކާއި ފަޅުތަކެއް. މިއަދު ހުއިފިލަނޑާ ކިލޯއެއް ހުރީ ފައްސަތޭކަ ރުފިޔާއަށް. އަޅުގަނޑުމެންގެ އަމާޒަކީ މިރާއްޖެއިން ހުއިފިލަނޑާ ބޭރުކުރާ މިންވަރު އެތައް ގުނައެއް އިތުރުކުރުން. އިރާދަކުރައްވައިގެން އަޅުގަނޑުމެން ސަރުކާރާއި ހަވާލުވި އިރުގައި ކޮންމެ އަހަރަކު 30 ޓަނު ބޭރު ކުރަމުން ދިޔައިރު މިހާރު މިވަނީ އެއްލައްކަ ޓަނަށް ހުއިފިލަނޑާ ބޭރުކުރަމުންދާ މިންވަރު އިތުރުކުރެވުފައި.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި އާސަންދަ ފޯރުކޮށްދީ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ކޮށް ދިން ކަމަށާއި ނަމަވެސް “ބަޣާވާތައް ފަހު އާސަންދަ ބާސަންދަ” އަށް ބަދަލުވެފައިވާ ކަމަށެވެ.

“ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ވައުދު ވަނީ އިރާދަކުރެއްވިއްޔާ ހާއްސަ ބަލިތަކެއް ވަކިން ހާއްސަކޮށް ދާއިމީ ބަލިތަކަށް ހޯދަމުން އަންނަ ފަރާތްތަކަށް ލިމިޓެއްނެތި އިރާދަކުރެއްވިއްޔާ އާސަންދައިން ބޭސްފަރުވާ ލިބިގެންދާނެ.” ރައީސް ނަޝީދު ވިދާޅުވިއެވެ.

ތުޅާދޫގައި ވަޒީފާނެތް 200 އެއްހާ ޒުވާނުން ތިބި ކަން ފާހަގަކުރަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ގެސްޓްހައުސް ވިޔަފާރީގެ ސިޔާސަތުގެ ދަށުން އެރަށުގައި އެވިޔަފާރި ފުޅާކޮށްދޭނެ ކަމަށާއި އޭރުން އެރަށުގައި ވަޒީފާނެތް ޒުވާނަކު ނުހުންނާނެ ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ އަމާޒަކީ ތުޅާދޫ ކައުންސިލްގެ މަހެއްގެ އާންމުދަނީ ފަސްމިލިއަނަށް ޖައްސާދިނުން ކަމަށާއި އެކަމަށްޓަކައި ކައުންސިލަށް ފަޅުރަށެއް ދިނުމުގެ އިތުރުން ތުޅާދޫ ކޮންމެ މީހެއްގެ ބޮލަށް ފަސް އަކަފޫޓް ޖެހޭވަރުގެ ބިމެއް މާލެ ސަރަހައްދުން ތުޅާދޫ ކައުންސިލަށް މިލްކް ކޮށްދެއްވާނެ ކަމަށެވެ.

އަދި މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ކޮންމެ ކުއްޖަކަށް އެފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރޭގެ ޖަލްސާގައި ތުޅާދޫން 70 އަށްވުރެ ގިނަ މީހުން އެމްޑީޕީއާއި ގުޅިފައިވާކަމަށް އެމްޑީޕީ ތުޅާދޫ ގޮފިން ބުނެއެވެ. މީގެ ތެރޭގައި ޑީއާރުޕީގެ އިސް ބޭފުޅުން ހިމެނޭކަމަށެވެ.

މިޖަލްސާގައި އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުންނާއ ޕާޓީގެ އިސްބޭފުޅުން ގެ އިތުރުން ބ. އަތޮޅުގެ ރައްރަށު ކައުންސިލަރުންނާއި އަތޮޅުކައުންސިލަރުން ބައިވެރި ވެވަޑައި ގެންނެވިއެވެ. އަދި އަތޮޅުގެ ރަށްރަށުން 3000 އަށްވުރެ ގިނަ އެމްޑީޕީ މެންބަރުންނާއި ސަޕޯޓުން ތުޅާދުއަށް އައިސްފައިވާކަމަށް ތުޅާދޫ އެމްޑީޕީ ގޮފިން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.