އެމެރިކާގެ ނިއު މެކްސިކޯ ސްޓޭޓްގެ އަލްބަކާކް ސަހަރުގައި ހޮނުއެޅި މާބަނޑު އަންހެނަކު އޭނާގެ ބަނޑުގައި އޮތް ދަރިފުޅާއި ފިރިމީހާއާއެކު ސަލާމަތްވެއް ޖެއެވެ.
އެމެރިކާގެ މިނިވަން ދުވަސް ކަމަށްވާ މި މަހުގެ 4 ވަނަ ދުވަހު ހަވާއެރުވުމުގެ ކުޅިވަރުތައް ބަލަންތިބެފައި ދެމަފިރިން ގެއަށް މިސްރާބު ޖެހީ ވިލާ ބޯވެ ވާރޭ ވެހެން އުޅެން ފެށުމުންނެވެ.
“ނަމަވެސް ދެން ވީ ގޮތެއް ނޭނގޭ. އަހަރެން ހޭއެރިއިރު އަހަރެން އޮތީ ބިންމަތީގައި،” ފިރިމީހާ އިއާން ގޯޑަން ބުންޏެވެ.
އޭނާގެ އެއް ކަންފަތުގެ ތޫރި ވަނީ ފަޅައިގެން ގޮސްފައެވެ. ބެލެވޭ ގޮތުގައި ސަބަބަކީ ހޮނު އޭނާގެ ހަށިގަނޑު ތެރެއަށް ވަނީ ނުވަތަ ހަށިގަނޑުގެ ތެރެއިން ނުކުމެގެން ދިޔައީ އެ ތޫރި ތެރެއިންނެވެ.
އަނބިމީހާ ކެންޑްރާ ވިލަނޯވާގެ އެއް އިނގިލިން ލޭ އަ އެވެ. ބެލެވޭ ގޮތުގައި ހޮނުގެ ކަރަންޓު ނުކުމެގެން ދިޔައީ އެ އިނގިލި ތެރެއިންނެވެ.
ދެމަފިރިންގެ ނަސީބު ގަދަކަމުން އެ ސަރަހައްދުގައި އެ ވަގުތު އެހެން މީހުން ވެސް ތިއްބެވެ. ސަހަރުގެ އެމަޖެންސީ މަަސައްކަތްތެރިންނަށް ގުޅައިގެން އެ މީހުން އެ ދެމަފިރިން ވަގުތުން ހޮސްޕިޓަލަށް ގެންދިޔައެވެ. އަދި ވަގުތުން ސިސޭރިއަންއެއް ހަދައި، ކެންޑްރާގެ ބަނޑުގައި އޮތް ދަރިފުޅު ނެގިއެވެ.
ކިމްބަލީ ސަމަންތާ ރޯސް ގޯޑަންގެ ނަން ދީފައިވާ މި ދަރިފުޅުގެ ހާލު ފެންނަ ފެނުމުގައި ރަނގަޅު ކަމަށް ޑޮކްޓަރުން ވިިދާޅުވެއެވެ.
މި ހާދިސާގައި ކެންޑްރާ އާއި އޭނާގެ ބަނޑުގައި އޮތް އަންހެން ދަރިފުޅު ސަލާމަތް ކޮށްދިނުމަށް މަސައްކަތް ކޮށްދިިން އެމަޖެންސީ މަސައްކަތްތެރިންނަށް އެ ސަހަރުގެ އަލިފާން ނިއްވާ ޑިޕާޓްމަންޓުން މިހާރު ވަނީ “ބަތަލުންގެ ލަގަބު”ގެ މެޑަލް ދީފައެވެ. އަދި ދެމަފިރިން މިހާރު އެ ދަރިފުޅަށް ވަނަމަކަށް ކިޔަނީ، އެ ދެމަފިރިންގެ ފަހަތު ނަން ކަމަށްވާ “ގޯޑަން” ލައިގެން “ފްލޭޝް ގޯޑަން” އެވެ. އެއީ ކޮމިކެއްގައި އުޅޭ ވަރުގަދަ ޝަހުސިއްޔަތެއް ކަމަށްވާ “ފްލޭޝް ގޯޑަން” އަށް ނިސްބަތްކޮށެވެ. “ފްލޭޝް” މި ބަހަކީ ހޮނަށް ވެސް ނިސްބަތް ކުރެވޭ ބަހެކެވެ.