ކޮމްޕިއުޓަރާއި އިންޖިނިއަރިން ދާއިރާގެ އެންމެ ފަހުގެ ހޯދުންތައް ހިއްސާ ކުރާ ބައިނަލްއަގުވާމީ ޖަލްސާ ކަމަށްވާ “އިންޓަރނޭޝަނަލް ކޮންފަރެންސް އޮން އެޑްވާންސްޑް ކޮމްޕިއުޓަރ ތިއަރީ އެންޑް އިންޖިނިއަރިންގ” (އައި.ސީ.އޭ.ސީ.ޓީ.އީ) ގެ ހަވަނަ ޖަލްސާގައި ރާއްޖޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.
އިންތިޒާމް ކުރާ ފަރާތުން މައުލޫމާތު ދޭ ގޮތުގައި މި ޖަލްސާ ބާއްވާނީ މާލޭގައި އަންނަ އޯގަސްޓް މަހުގެ 17 އިން 18 އަށެވެ. އަދި މި ޖަލްސާއާއެކު އައި.ސީ.އީ.ޓީ.ސީ 2013 ވޯކްޝޮޕާއި އައި.ސީ.ސީ. އާރް.ސީ 2013 ވޯކްޝޮޕް ވެސް ބާއްވަން ހަމަޖެހިފައިވ ެއެވެ.
މި ޖަލްސާއަކީ ކޮމްޕިއުޓަރާއި އިންޖިނިއަރިންގެ ދާއިރާއިން ދުނިޔޭގައި ހޯދޭ އެންމެ ފަހުގެ ހޯދުންތައް ހުށަހަޅާ ޖަލްސާއެވެ. އެ ގޮތުން ދުނިޔޭގެ މަޝްހޫރު ޔުނިވަސިޓީތަކާއި ކޮލެޖްތަކާއި އަދި އެހެނިހެން ވެސް ރިސާޗް ކުރާ މުއައްސަސާތަކުން، މީގެ ކުރިން އާއްމު ނުކުރާ އެތައް މައުލޫމާތެއް މި ޖަލްސާއަށް ހުށަހަޅާނެ އެވެ.
މި ޖަލްސާގެ ބޭނުމަކީ ސައިންސްވެރިންނާއި އިލްމްވެރިންނާއި އިންޖިނިއަރުންނާއި ކިޔަވާކުދިން އެ ކުދިންގެ ހޯދުންތައް ހިއްސާކޮށް، ދިރާސާ ކުރާ ފަރާތްތަކާއި ސިނާއީ ފަރާތްތަކާ ދެމެދު މައުލޫމާތު ބަދަލުކޮށް، ގުޅުންތައް އިތުރަށް ވަރުގަދަ ކުރުމެވެ. މީގެ ކުރިން ޝާއިއު ނުކުރާ ދިރާސާ ރިޕޯޓްތަކާއި އާ ހޯދުންތަކާ ބެހޭ ލިޔުންތައް މި ޖަލްސާއަށް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. އީމޭލް އެޑްރެހަކީ [email protected] އެވެ
އައި.ސީ.އޭ.ސީ.ޓީ.އީގެ ކުރީ ޖަލްސާތައް ބޭއްވިފައިވަނީ ތައިލެންޑާއި މިސްރާއި ޗައިނާ އާއި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) އަދި ދެކުނު އެފްރިކާގައެވެ.

