ރާއްޖޭގައި 5ޖީގެ ހިދުމަތް ދައްކާލި ކުންފުނީގެ ޝަރަފު ދިރާގުން ހޯދައިފިއެވެ.
ދިރާގު ހެޑްއޮފީހުގައި އިއްޔެ ވަނީ 5ޖީ ޑެމޮންސްޓްރޭޓް ކުރުމަށް ޚާއްސަ އިވެންޓެއް ބާއްވައިފައެވެ. މި އިވެންޓުގައި ވާހަކަ ދައްކަވަމުން ދިރާގުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ ސައުތު އެޝިއާ ސަރަހައްދުގައި ވެސް 5ޖީ ހިދުމަތް ދައްކާލި ފުރަތަމަ ކުންފުނިތަކުގެ ތެރޭގައި ދިރާގު ހިމެނުމަކީ ފަހުރެއް ކަމަށެވެ.
“ކުރިއަށް ބޭނުންވާ ޓެކްނޮލަޖީއަށް ތައްޔާރުވެތިބުމަކީ ދިރާގުގެ މަގުސަދު” އިސްމާއިލް ވިދާޅުވިއެވެ.
އާޓެކްނޮލަޖީއާއި ޑިޖިޓަލް ހިދުމަތްތައް ދިވެހިންނަށް ގެނެސްދިނުންމަތީ ދިރާގު ދެމިއޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭޝިއާ ސަރަހައްދުގައި މި ޓެކްނޮލަޖީ ޓެސްޓުކުރި ގައުމުތަކުގެ ތެރޭ ދެން ހިމެނެނީ އިންޑިއާ، މެލޭޝިއާ، ސިންގަޕޫރު އަދި ހޮންކޮންގެވެ.
ދިރާގުން ބުނީ އާންމުކޮށް 5ޖީ ޓެކްނޮލަޖީ ކަސްޓަމަރުންނަށް ދޫކޮށްލެވޭނީ 2020ގައި ކަމަށެވެ. މި ހިދުމަތް ހޯދުމަށް 4ޖީ އާ އަޅާބަލާއިރު އަގަށް ބަދަލެއް ނާންނާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ. 5ޖީ ހިދުމަތާއެކު 4ޖީ އަށްވުރެ އިންޓަނެޓުގެ ސްޕީޑު 20 ގުނަ ހަލުވި ވާނެއެވެ. މިއާއެކު ޔޫޒަރުންނަށް ރިއަލް ޓައިމް އެކްސްޕީރިއަންސް ލިބޭނެއެވެ.
ދިރާގުން ބުނީ އެކުންފުނީގެ “ޓޭކް އޮން ޓްމޯރޯ” ޝިއާރާއެކު ފާއިތުވި ދޮޅުއަހަރެއްހައި ދުވަހުގެ ތެރޭގައި ޑިޖިޓަލް ހިދުމަތްތަކަށް އެކުންފުނިން އިންގިލާބެއް ގެނެސްފައިވާކަމަށެވެ.
ރާއްޖޭގެ އާބާދީގެ 70 ޕަސެންޓަށް ހައިސްޕީޑު ބައިބާ ބްރޯޑްބޭންޑުގެ ހިދުމަތް ދިރާގުން ދެމުންއަންނަ ކަމަށް އެކުންފުނިން ބުނެއެވެ.
ދިރާގު 5ޖީ ޑެމޮންސްޓްރޭޝަން އިވެންޓުގައި ވާހަކަ ދައްކަވަމުން ކޮމިއުނިކޭޝަން އެތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)ގެ ސީއީއޯ އިލްޔާސް އަހުމަދު ވިދާޅުވީ ރާއްޖެއަށް ޓެކްނޮލަޖީގެ ފަހުގެ ވަސީލަތްތައް ތައާރަފު ކުރުމަށް ޓެލެކޮމް ކުންފުނިތަކުން ކުރާ މަސައްކަތްތަކަށް ސަރުކާރުގެ އެއްބާރުލުން އަބަދުވެސް ލިބޭނެ ކަމަށެވެ.
“ސަރުކާރުގެ އަމާޒަކީވެސް ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ގައުމަކަށް ޓެކްނޮލަޖީގެ ގޮތުން ރާއްޖެ ހެދުން،”
އިލްޔާސް ވިދާޅުވީ މިފަދަ ޓެކްނޮލަޖީ ބޭނުން ކުރުމަށް ބޭނުންވާ އާލާތްތައް ހޯދުމަށް ސަރުކާރުން އެއްބާރުލުން ދޭނެކަމަށެވެ.
މޯބައިލް އުފައްދާ ބޮޑެތި ކުންފުނިތަކުން މިހާރު ދަނީ 5ޖީ ސަޕޯޓުކުރާ ޑިވައިސްތައް އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އެ އުފެއްދުންތައް އަންނަ އަހަރުގެ ތެރޭ ބާޒާރަށް ނެރެވޭވަރު ވާނެކަމަށް އެ ކުންފުނިތަކުން ބުނެފައިވެއެވެ.