ދަރަވަންދޫގައި މިއަދު ބަނގުރާ ނައްތާލުމުގެ މަސައްކަތްކުރަނީ—އީޓީ ފޮޓޯ/ތޯރިގް އަބްދުއްރަހްމާން
އެކި މައްސަލަތަކުގައި ބ. ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް މިއަދު ނައްތާލައިފި އެވެ.
މިތަކެތި ނައްތައިލަނީ ބޮޑު ވަޅުގަނޑެއް ކޮނެފައި، ކޮންމެ ފުޅިއެއް ނުވަތަ ދަޅެއް ވެސް ވަކިން އެ ވަޅު ގަނޑަށް އޮއްސާލައިގެން، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ތަކެތި ނައްތާލުމަށް ގާއިމްކޮށްފައިވާ އުސޫލުގެ ދަށުން، މީޑިއާގެ ހާޒިރުގައި، މިއަދު މެންދުރުފަހު ދަރަވަންދޫ ކުނި ކޮށީގަ އެވެ.
ނައްތާލި ތަކެއްޗަކީ އެކި ބްރޭންޑް ތަކުގެ 125 ފުޅި ބަނގުރަލާއި 49 ބިޔަރު ދަޅެވެ.
މިއީ މިދިޔަ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހުގެ ތެރޭ ދަރަވަންދޫ އެއާޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ.
ފުލުހުން ވަނީ މިދިޔަ އޮކްޓޯބަރުމަހު ވެސް ދަރަވަންދޫ އެއާޕޯޓުން ހިފަހައްޓާފައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި ބިޔަރު ދަޅުތަކެއް ނައްތާލައިފަ އެވެ.