
ބޭރަށް ހިންގުމުގެ ރޯގާއެއް ހަލުވިކަމާއެކު އޭދަފުށީގައި ފެތުރެމުންދާ ކަމަށް ބ. އަތޮޅު ހޮސްޕިޓަލުގެ ޕްބަލިކް ހެލްތު ޔުނިޓުން ބުނެފި އެވެ.
ޕްބަލިކް ހެލްތު ޔުނިޓު ސީނިއާ ކޮމިއުނިޓީ ހެލްތު އޮފިސަރު ސިދުގީ އަބްދުﷲ ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހުން ފެށިގެން ހުންޖެހިގެން މިހާތަނަށް 29 މީހުންނާ ކުދިން ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް މި ރޯގާ ޖެހިފައިވާ މީހުން 3 ނުވަތަ 5 ދުވަހުގެ ތެރޭގައި ރަނގަޅުވާކަމަށްވެސް ސިދުގީ ވިދާޅުވި އެވެ.
ޕްބަލިކް ހެލްތު ޔުނިޓުން ބުނި ގޮތުގައި މިފަދަ ރޯގާތަކަކީ އާއްމުކޮށް ކާބޯތަކެއްޗާއި ފެނުގެ ޒަރީއާއިން ފެތުރޭ ބައްޔެއް ކަމުން މި ދުވަސްވަރު ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިއްމެވެ.
ތާޒާ ކާނާ ބޭނުންކުރުމާއި ފެން ކްލޮރިނޭޓްކޮށްގެން ބޭނުންކުރުމަށާއި ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުމަށް އެ ތަނުން އިރުޝާދު ދެ އެވެ.
ޕްބަލިކް ހެލްތު ޔުނިޓުން ބުނީ ބޭރަށް ހިންގުމުގެ ރޯގާ ޖެހިއްޖެ ނަމަ ގިނަގިނައިން ދިޔާ އެއްޗެހި ބުއިމާއި ތުއްތު ކުދިންނަމަ ގާތުން ކިރު ދިނުން މުހިއްމު ކަމަށެވެ. އަދި ރަށު ތެރެ އާއި ގޯތި ތެރެއަށް ކުނި ޖަމާވިއަ ނުދީ ސާފުތާހިރުކޮށް ބެލެހެއްޓުމަށް ވެސް އެތަނުން އިލްތިމާސް ކުރެ އެވެ.