
އެމްޑީޕީގެ ރަނިންމޭޓް ޑރ. މުސްތަފާ ލުޠުފީ ކެމްޕެއިން ދަތުރުފުޅެއްގައި މިއަދު ބ. އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީ އޭދަފުށީ ގޮފީގެ އިސް އޮފިޝަލަކު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހްމަދު ދީދީ އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅު ހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކު އާއި ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް އާއި ބާރަށު ދާއިރާގެ މެމްބަރު މުހަންމަދު ޝިފާޒާގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގައި ހަރަކާތްތެރިވާ އެހެން ބޭފުޅުންވެސް ރަނިންމޭޓް އަރިހުގައި މިއަދު މެންދުރު އޭދަފުއްޓަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެމްޑީޕީން ބުނީ މިރޭ އޭދަފުށީ އެމްޑީޕީ ހަރުގޭގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި އޭދަފުށީގެ ގޭގެއަށް ދޮރުން ދޮރަށް ހިނގައި ރައްޔިތުންނާއި ބައްދަލުކޮށް ކެމްޕެއިން ކުރައްވާނެ ކަމަށްވެސް އެމްޑީޕީން ބުންޏެވެ.
މިދަތުރުގައި އޭދަފުށީގައި އެމްޑީޕީގެ އިތުރު ހަރުގެއްގެ ބިންގާ އެޅުމާއި ކެމްޕެއިންގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުކޮށް ކެމްޕެއިން ކުރިއަށް ގެންދާނެ ގޮތާއި ބެހޭގޮތުން މަޝްވަރާކޮށް ކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްޑީޕީން ބުނެއެވެ.