ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މުޅި ރާއްޖެއަށް އަމާޒުކޮށް ޚިދުމަތް ފުޅާކުރުމަށް ހިންގާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން މިއަދު ގ.ދ ގައްދޫގައި އާ ބްރާންޗެއް ހުޅުވައި ސެލްފް ސާވިސް ބޭންކިންގ ޚިދުމަތް ފަށައިފި އެވެ.
މި ބްރާންޗްގައި ގާއިމްކޮށްފައިވާ އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ޚިދުމަތް 24 ގަޑިއިރު ލިބިގެންދާނެއެވެ. އަދި ބޭންކިންގ ޚިދުމަތް ދޭ ގަޑިތަކުގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމާއި ކާޑުގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މުވައްޒަފުން ހަރަކާތްތެރިވާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
މި ބްރާންޗްތައް ރަސްމީކޮށް އިފްތިތާހުކުރުމަށް މިއަދު އެ ރަށުގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބޭންކު ހިންގެވުމާ ހަވާލުވެ ހުންނެވި އާއިޝަތު ނޫރައްދީން ވިދާޅުވީ މި ހުޅުވުނު އާ ބްރާންޗް މެދުވެރިކޮށް ލިބިގެންދާނެ ޚިދުމަތްތަކަކީ ގައްދޫއަށް އަންނަމުންދާ ތަރައްޤީއަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ޚިދުމަތަކަށް ވާނެކަމަށެވެ. އަދި ބްރާންޗްގެ ސަބަބުން މިރަށުގެ ކުދިބޮޑު އެންމެހައި ރައްޔިތުންނަށާއި، ވިޔަފާރިތަކަށް އަދި ރަށަށް ޒިޔާރަތްކުރާ މެހެމާނުންނަށް ބޭންކިންގ ޚިދުމަތްތައް ހޯދުމަށް ވަރަށް ބޮޑަށް ލުއި ފަސޭހަވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
“މިއީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތްފޯރުކޮށްދިނުމަށް ކުރަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމުގެ ދަށުން ފެށިގެންދާ ޚިދުމަތްތަކެއް.”
މުޅި ރާއްޖެ ޝާމިލްވާ ގޮތަށް ބްރާންޗް، ރިލޭޝަންޝިޕް މެނޭޖަރުން، ސެލްފް ސަރވިސް ބޭންކިންގ ސެންޓަރ، އޭޓީއެމް، ޕީއޯއެސް މަރޗަންޓުން އަދި 20 އަތޮޅުގައި އެޖެންޓުން ހިމެނޭ ބޭންކިންގ ވިއުގައެއްގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ޚިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސް ގެ އަމާޒަކީ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.