
ޖުމްހޫރީ ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ބ. އޭދަފުށީގައި އެ ޕާޓީގެ ޖަގަހައެއް ރޭ ހުޅުވައިފި އެވެ.
މި ރަށު ބޮޑު މަގުގައި ހުންނަ މޫސުމް ރަބީޢު ގޭގައި “ޖުމްހޫރީ ޕާޓީ މާލަން” ގެ ޖަގަހަ ރޭ ހުޅުއްވައިދެއްވީ ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި މި ސަރުކާރުގެ މިހާރުގެ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިބްރާހީމް އެވެ.
ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމަށާއި ރަނިންމޭޓް ޑރ. ހަސަން ސައީދަށް ތާއީދު ކުރުމުގެ މަސައްކަތްތައް އޭދަފުށީގައި ފަށައިގަތުމަށްޓަކައި ރޭ ޖަގަހަ ހުޅުއްވައިދެއްވުމަށްފަހު އަމީން ވިދާޅުވީ ފެށިގެން މިދަނީ ގަބޫލުކުރާ ފެންވަރުގެ މަސައްކަތްތަކެއްކަމަށާއި މި މަސަކަތްތައް ކުރެވެމުން ދަނީ ޖޯޝެއް އޮވެގެން ކަމަށެވެ. އަދި މި މަސަކްތައް ނިންމާލާނީ އަމާޒަށް ވާސިލުވުމުން ކަމަށާއި އެ އަމާޒަކީ ތަރައްގީ ގައިމުކޮށްދެވޭނެ ގާބިލުކަންހުރި ހަރުދަނާ ލިޑަރެއް ކަމަށެވެ.
އޭނާ ވިދާޅުވީ އޭދަފުށީ ޖަގަހަ ހުޅުވި، އެ ތަނުގައި މަސައްކަތްތައް ފެށުމުން ޖުމްހޫރީ ގުޅުމުގެ ހަރަކާތްތައް މި ރަށުގައި ވަރަށް ފޯރިއާ ޖޯޝާ އެކު ކުރިއަށް ގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
އަމީން ވިދާޅުވީ ޑިމޮކްރަސީއަށް ތަސައްރަފު ފުދިފައިވާ ބަޔަކުތިބިނަމަ އެ ބަޔަކުތިބީ އޭދަފުށީގައި ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި ތަފާތު ފިކުރުގެ ޚިޔާލާ އެކުވެސް އޭދަފުށީ ރައްޔިތުންނަކީ މެހުމާންދާރީ އަދާ ކުރުމުގައިވެސް ނަމޫނާ ރައްޔިތުން ދިރިއުޅެމުންގެންދާ ރަށެއް ކަމަށާއި އެހެން ކަމުން ރާއްޖޭގެ އެހެން ރަށްރަށުން އޭދަފުށީ ރައްޔިތުން ނަމޫނާއަކަށް ބަލަންޖެހޭ ކަމަށްވެސް އަމީން ވިދާޅުވި އެވެ.
“މިރަށުގައި ތަފާތު ވިސްނުމުގެ ތަފާތު ފިކުރުގެ ތަފާތު ޕާޓީތަކަށް ނިސްބަތްވާ މީހުން އެބަތިބި. އޭދަފުށީގެ ޖައްވުން މިއަދު ފެނިގެންދަނީ ވަރަށްވެސް އެކުވެރި ސިޔާސީ ހަރަކާތްތައް ވަރަށް ޖޯޝާއެކު ކުރިއަށްދާތަން” އަމީން ވިދާޅުވި އެވެ.
އަމީން އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީއެއްގެ ވެރިކަމެއްގައި ބ. އަތޮޅު ހޮސްޕިޓަލްގެ ސިއްހީ ޚިދުމަތުގެ ފެންވަރު މިހާރަށްވުރެ އެތައް ތަނެއް ރަނގަޅުކޮށްދެއްވާނެ ކަމަށެވެ.
ޖުމްހޫރީ ޕާޓީން ބުނީ ވަރަށް އަވަހަށް އެ ޕާޓީގެ އިތުރު ދެ ޖަގަހަ އޭދަފުށީގައި ހުޅުވާނެ ކަމަށެވެ.
އަމީން މިދަތުރުފުގައި އިއްޔެ މިއަތޮޅު ތުޅާދޫގަ އާއި ހިތާދޫގައިވެސްވަނީ ޖޭޕީގެ ޖަގަހަ ހުޅުވައިދެއްވައިފަ އެވެ.
މޫސާ ހަލީމުވެސް ޖޭޕީތަ؟ ރަނގަޅު ނިންމުމެއްތީ ! އަނވަރު އެކަނި މިހާރު ހުރީ ޑީއާރުޕީގަ!