
އެއްފަޅެއްގެ ތެރޭގައިވާ އޮންނަ ބ. ފެހެންދޫއާއި ގޮއިދޫ ކޯޒްވޭއަކުން ގުޅާލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ދަންނަވާފައިވާނެ ކަމަށް ފެހެންދޫ ކައުންސިލުން ބުނެފި އެވެ.
ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި ފެހެންދޫގެ ރައްޔިތުން ބޭނުންވަނީ ގޮއިދޫއާއި ފެހެންދޫ ގުޅާލާށެވެ.
“އެހެންކަމުން ރައްޔިތުންގެ ވިސްނުމާ އެއްގޮތަށް ގޮއިދޫއާއި ފެހެންދޫ ކޯޒްވޭ އަކުން ގުޅާލުމަށް މިއަހަރުގެ ތެރޭގައި ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ވާނީ ދަންނަވާފައި،” މޫސަ ވިދާޅުވި އެވެ.
ފެހެންދޫއަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ރަށުގައި ތިބެގެން ތަޢުލީމު ހާސިލްކުރާނެ ގޮތެއް ނެތުން،، އެހެންކަމުން އެކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުން ގެންދަނީ ދާއިމީ ގޮތެއްގައި ދަތުރުފަތުރު ކުރާނެ ފެރީގެ ނިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑިއާ ސަރުކާރުން ރާއްޖެއަށް ދީފައިވާ 106 މިލިއަން ދިވެހި ރުފިޔާ ނުވަތަ 6.9 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ ތެރެއިން ފެހެންދޫ ދަރިވަރުން ދަތުރުކުރުމަށް ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ސަރުކާރުން ވަނީ ކަނޑައަޅާފަ އެވެ. އަދި ފެހެންދޫގެ ދަރިވަރުން ތައުލީމު ހާސިލްކުރުމަށް އެ އަތޮޅު ގޮއިދޫއަށް ގެންދިއުމަށްޓަކާ ރަނގަޅު ފެންވަރެއްގެ އުޅަނދެއް ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް މިހާރު ވަނީ ބީލަމަށް ވެސް ހުޅުވާލާފަ އެވެ.
ރާއްޖޭގައި އެންމެ މަދުން މީހުން ދިރިއުޅޭ ރަށްތަކުގެ ތެރޭގައި ހިމެނޭ ފެހެންދޫއަކީ އާބާދީގައި 300 މީހުން ދިރިއުޅޭ ރަށެއް. މިރަށުގައި ގެސްޓްހައުސްގެ ވިޔަފާރިވެސް މިހާރު ދަނީ ފުޅާވަމުންނެވެ.
