
އެއާކްރާފްޓް އިންޖިނިއަރިން މެއިންޓެނަންސް ސްކޫލެއް އެޅުމަށް ވިލާ ކޮލެޖާއި ވިލާއެއާ އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މިކަމަށްޓަކައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވިލާ ކޮލެޖްގެ ފަރާތުން މި އެއްބަސްވުމުގައި ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ ރެކްޓާ ޑރ އަޙުމަދު އަންވަރު އެވެ. އަދި ވިލާ އެ ފަރާތުން ސޮއި ކުރެއްވީ ވިލާ އެއާ ގެ މެނެޖިން ޑައިރެކްޓަ ރިޟުވާން ޝަރީފެވެ.
ރާއްޖޭގައި މިފަދަ ސްކޫލެއް ހުޅުވައި ތަމްރީމް ދޭން ފެށުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ ދިވެހި ދަރިވަރުންނަށް އެކުދީންގެ ޢާއިލާއާއެކު ދިރިއުޅެމުން، ރާއްޖޭގައި ތިބެގެން މިފަދަ ތަމްރީންތައް ލިބިގަތުމުގެ ފުރުސަތު ދިނުން ކަމަށް ވިލާކޮލެޖުން ހާމަކުރެއެވެ. އަދި މިފެންވަރުގެ ތަމްރީން ޕްރޮގްރާމެއް ތަނަވަސްކަން ލިބިފައިނުވާ ފަރާތްތަކަށްވެސް ވަރަށް ކުޑަ ޚަރަދަކުން ނިންމާލެވޭނެ ކަމަށްވެސް އެކޮލެޖުން ހާމަކުރެއެވެ.
ދިވެހި ރާއްޖޭގައި މިފަދަ ޕްރޮގްރާމެއް ހިންގަން ފެށުމުން އޭގެ ފައިދާ މުޅި އޭވިއޭޝަން ދާއިރާއަށްވެސް ކުރާނެކަމަށާއި ރާއްޖޭގައި އަމިއްލަ އެއަރ ލައިންތައް އުފެދި ގިނަ ފްލައިޓް ތަކެއް އުދުހެން ފަށާއިރު އެއަރ ކްރާފްޓް މެއިންޓެނަންސް އަށް ރާއްޖޭން ބޭރުން މީހުން ނުގެނެސް ކަމަށް އެކަށޭނަ ޤާބިލު ދިވެހި ދަރީންތަކެއް އުފެދުމަކީ ވަރަށް ބޮޑު ފައިދާއެއް މުޅި ޤައުމަށްވެސް ކުރާނެކަމެއް ކަމަށްވެސް އެކޮލެޖުން ހާމަކުރެއެވެ. އަދި މިފަދަ ސްކޫލެއް ރާއްޖޭގައި ހިންގަން ފެށުމުން ރާއްޖޭން ބޭރުންވެސް މީހުންއައިސް މި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވަމުން ދާތަން ފެނުމަކީ ރާއްޖެއަށްވެސް ލިބޭ ފަޚުރަކާއި ޝަރަފެއްކަމަށް އެކޮލެޖުން ހާމަކުރެއެވެ.
އިއްޔެ ވެވުނު މިއެއްބަސް ވުމާއެއްގޮތަށް ރަސްމީ ގޮތެއްގައި ޓްރެއިނިންގ ސްކޫލްގެ މަސައްކަތް ފެށޭނީ ދިވެހި ރާއްޖޭގެ ސިވިލް އޭވިއޭސަން އޮތޯރިޓީއިން އެކަމުގެ ހުއްދަ ލިބުމުން އަންނަ އަހަރުގެ މެދެއްހާ ތާނގައެވެ.
ވިލާ ކޮލެޖާއި ވިލާއެއަރ އާ ގުޅިގެން ފަށަން ގަސްދު ކޮށްފައިވާ އެއަރ ކްރާފްޓް މެެއިންޓެނަންސް ޓްރޭނިންގް ޕްރޮގްރާމަށް ތައްޔާރު ވުމުގެ ގޮތުން ޔޫރަޕިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީގެ އެޕްރޫވުޑު އިންޖިނިއަރެއްގެ ބެލުމުގެ ދަށުން މިހާރުވެސް މިތަމްރީން ހަދަމުންދާ ކުދިންކޮޅެއްގެ ޢަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ.