މި އަހަރުގެ ޒޯން ވޮލީ މުބާރާތުގެ ދެވަނަ މެޗުގައި ބ. މާޅޮހު މާރެސް ޓީމާއި ޅ. ނައިފަރު އިފްތިތާޙު އިސްދަރިވަރުންގެ ޖަމިއްޔާ މިއަދު ހަވީރު ކުޅުނު މެޗު ބ. މާޅޮސް މާރެސް ޓީމު ކާމިޔާބުކޮށް ޒޯން ޗެމްޕިއަންކަން ހޯދުމުގެ ފުރުސަތު އެ ޓީމުން އާ ކޮށްފި އެވެ.
މިއަދު ހަވީރު ޅ. ނައިފަރުގައި ކުޅުނު މި މެޗު ވެސް މާރެސް ޓީމު ކާމިޔާބު ކުރީ ފޯރި ގަދަ އަދި ވާދަވެރި ކުޅުމަކަށް ފަހު 3 ސެޓު 2 ސެޓުން ކަމަށް މާރެސް ޓީމާ ޙަވާލުވެގެން ނައިފަރަށް ދުރުވެ ހުންނެވި ކުރިން ރަށު ފެންވަރުގައި ވޮލީ ކުޅުއްވާ އަދި އަތޮޅު ފެންވަރުގައި ފުޓްބޯޅަ ކުޅުއްވި، މާރެސް ޖަމިއްޔާގެ މި ދައުރުގެ ކުޅިވަރު ސެކްރެޓަރީ ޔޫސުފް ޢަބްދުލްރަޙްމާން ފޯނުން ވިދާޅުވި އެވެ.
ހުކުރު ދުވަހު ފަށަން އޮތް މުބާރާތް ހޮނިހިރު ދުވަހަށް ލަސްކުރުމަށް ފަހު ފެށި މި މުބާރާތުގެ ދެވަނަ މެޗު އިއްޔެ ކުޅެން ތާވަލު ކުރެވިފައި އޮތް ނަމަވެސް މޫސުން ގޯސްވެ، ރެފްރީންނަށް ނުދެވުމުގެ ސަބަބުން ދެވަނަ މެޗު ވެސް ކުޅުނީ އެއް ދުވަސް ފަހުންނެވެ.
ވޮލީ ބޯލް އެސޯސިއޭޝަނުން ހާމަ ކުރި ގޮތުގައި މުޅި ރާއްޖެ އަށް ކުރަމުން މި ދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގެ ސަބަބުން ދަތުރު ނުކުރެވޭތީ ރެފްރީން ފޮނުވުމުގައި ދަތިކަމެއް މެދުވެރިވި ކަމަށް ވިޔަސް ހޮނިހިރު ދުވަހު މުބާރާތް ފަށާފައި ވަނީ އެސޯސިއޭޝަންގެ ސެޓްފިކޭޓް ރެފްރީއެއް ބަހައްޓައިގެން ކަމަށޭވެ.
“އަޅުގަނޑުމެން ވެސް ގަބޫލު ކުރަން ރެފްރީން ނުފޮނުވުނުކަން. އެކަމަކު އެ ކަން މެދުވެރިވީ ވިއްސާރަވެ ދަތުރުފަތުރު ކުރުމަށް ނުކެރުމުން. ދެން ހުކުރު ދުވަހު ފަށަން އޮތް މުބާރާތް ހޮނިހިރަށް ލަސް ކުރީ ވެސް މާލޭން ރެފްރީން ފޮނުވަން. އެކަމަކު އެ ދުވަހު ވެސް މޫސުން ގޯސް ވީމަ މާލޭން ނުދެވުނީ. އެކަމަކު އަޅުގަނޑުމެންގެ ސެޓްފިކެޓް ރެފްރީއެއް ހުންނާނެ އެ އަތޮޅު (ޅ. އަތޮޅު) މަޑިވަރުގައި. އޭނާ ބޭނުން ކޮށްގެން ހޮނިހިރު ދުވަހު މުބާރާތް ފެށީ. ކުރިން ވެސް އަޅުގަނޑުމެންގެ ރެފްރީ ޓީމުގައި އޮންނާނެ އޭނާ ހިމަނާފައި،” ވޮލީ ބޯލް އެސޯސިއޭޝަންގެ ރައީސް މުޙައްމަދު ރިޔާޒު ވިދާޅުވި އެވެ.
މި ޒޯންގެ ޗެމްޕިއަންކަން ކަށަވަރު ކުރުމަށް ކުޅޭ އެންމެ ފަހު މެޗު މާދަމާ ހަވީރު ނައިފަރުގައި ކުޅޭނެ އެވެ. މި މެޗުން މޮޅުވާ ޓީމެއް ޒޯން ޗެމްޕިއަންގެ ގޮތުގައި މާލޭގައި ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ.
— މުޙައްމަދު އަފްރާޙް