ބޮލީވުޑްގައި ފިޔަޖަހަމުން ކުރިއަރަމުން އަންނަ ބަތަލާ ދީޕިކާ ޕަދުކޯން ޗުއްޓީ ހޭދަ ކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.
މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޢުމުރުން 27 އަހަރުގެ ދިޕިކާ ޗުއްޓީ ހޭދަ ކުރަމުން ދަނީ މި އަހަރުގެ މަޓާޓޯ ޓްރެވަލް އެވޯޑުގައި ވެލްނަސް އެންޑް ސްޕާރ ރިސޯޓާއި ލީޑިންގ ފުޑް އެންޑް ބެވެރޭޖް އެވޯޑު ހޯދާފައިވާ ތާޖު އެގްޒޯޓިކާ ރިސޯޓުގަ އެވެ.
2006 ވަނަ އަހަރު ފިލްމީ ދާއިރާއަށް ނުކުތް ދިޕިކާ އަކީ ބޮލީވުޑްގައި މިހާރު ހުރި އެންމެ މަގުބޫލު އަންހެން ބަތަލާ އެވެ. އޭނާގެ ހަތަރު ފިލްމެއް ވަނީ މިއަހަރު ރިލީޒް ކުރެވިފަ އެވެ. އެއީ، ޗެންނާއީ އެކްސްޕްރެސް އާއި ޔޭ ޖަވާނީ ހޭ ދިވާނީ އަދި ރޭސް 2 އާއި ގޯލިޔޯންކީ ރާސްލީލާ: ރާމް ލީލާ އެވެ. މި ހަތަރު ފިލްމަކީވެސް މީހުންގެ މެދުގައި މަގުބޫލުކަން ހޯދާފައިވާ ކާމިޔާބު ފިލްމު ތަކެކެވެ.
މީގެ އިތުރުން ދީޕިކާ ވަނީ މަޝްހޫރު ތަރިންނާ އެކު ގިނަ ފިލްމު ތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި އޯމް ޝާންތި އޯމް، ބަޗްނާ އޭ ހަސީނޯ އާއި ދޭސީ ބޯއީސް ފާހަގަ ކޮއްލެވެ އެވެ.
ދިޕިކާ ކުޅެފައިވާ ބައެއް ފިލްމުތައް އަންނަ އަހަރުވެސް ނުކުންނާނެ ކަމަށް ދަނީ ޚަބަރުތައް ލިބެމުން ނެވެ. އޭގެ ތެރޭގައި ހެޕީ ނިއު ޔިއަރ ހިމެނެއެވެ.