އާ ފެށުން: ބ. އަތޮޅަށް އަނެއްކާ ވެސް އާ ނޫހެއް

މިއަދަކީ އޭދަފުއްޓާއި ބ. އަތޮޅުގެ ރައްޔިތުންގެ ހަޔާތަށް އަނެއްކާ ވެސް ބަދަލުތަކެއް ގެންނާނެ ދުވަހެކެވެ. ބ. އަތޮޅުގެ ރައްޔިތުންނަށް ޚާއްސަ ކޮށްގެން އާ ނޫހެއް އޮންލައިންކޮށް ވުޖޫދަށް އުފަން ވީމަ އެވެ. ވޭތުވެދިޔަ ތަނަށް ބަލާއިރު ކޮމިއުނިޓީ ނޫހެއްގެ މުހިއްމުކަން ވަނީ އިންތިހާ އަށް ބޮޑުވެފަ އެވެ. ބ. އަތޮޅުގެ ހުރިހާ ފަންތިއެއްގެ ރައްޔިތުންގެ ވިންދަށް ބެލިނަމަވެސް، މުޖުތަމައުގައި ހިނގަމުންދާ މުހިއްމު ކަންތައްތަކާއި، މީހުން ހޭލުންތެރިވާން ޖެހޭ މައްސަލަތަކާއި، އަދި ދިރިއުޅުމުގައި ރަނގަޅު ނިންމުންތައް ނިންމުމަށް ބޭނުންވާ މައުލޫމާތު، ކޮމިއުނިޓީ ނޫހެއްގެ ފަރާތުން ލިބިގެން ގޮސްފައިވުމަކީ ގިނަ ބަޔަކަށް އޭގެ މަންފާ ކުރި ކަމެކެވެ. މިހެންވެ ކޮމިއުނިޓީ ނޫހެއްގެ ޒިންމާ އާއި މުހިއްމުކަން އެންމެންނަށް ވެސް މިހާރު އަންދާޒާ ކުރެވެ އެވެ. ބ. އަތޮޅަށް އަމާޒުކޮށް، މީގެ ކުރިން ވެސް ނޫހެއް ނެރެފައި ވެ އެވެ. މި ނޫހުގެ މަސައްކަތް ކުރަމުން މިދަނީ، އޭދަފުށި ޓުޑޭގެ ނަމުގައި ނެރުނު އޮންލައިން ނޫސް ހިންގުމުގައި އެންމެ އިސްކޮށް އުޅުނު ޓީމެވެ. ހަމައެކަނި ބަދަލުވެފައި ވަނީ މަސްއޫލުވެރިޔާ އާއި އެޑިޓަރެވެ. ބ. އަތޮޅަކީ، އަދި ވަކިން ޚާއްސަ ގޮތެއްގައި އޭދަފުއްޓަކީ، ޒަމާނުއްސުރެ ރާއްޖޭގެ ތައުލީމީ ދާއިރާގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، އަދި އެ ދާއިރާއަށް އެންމެ ބޮޑަށް ހިއްސާވި ދަންމަރެވެ. އަދި މިހެންވެ ނޫސްވެރިކަމާ ވެސް އެންމެ ދޯޅު އެއް ރަށަކީ އޭދަފުށި ކަމަށް ނުވެ ނުދާނެ އެވެ. ނޫސްވެރިކަމަކީ ޑިމޮކްރެސީގެ ހަތަރުވަނަ ތަނބު ކަމަށް ވާއިރު، ރާއްޖޭގެ ޑިމޮކްރެސީގެ މި ޅަފަތުގައި މި ދާއިރާއިން މި އަތޮޅުން ވެވެން އޮތް އެންމެ ބޮޑު ހިއްސާއެއް ވުމަކީ މި ދަނޑިވަޅުގައި ނުހަނު މުހިއްމު ކަމެއް ކަމަށް ދެކެމެވެ. މި ނޫސް ވުޖޫދަށް މި އައީ ވެސް ވަރަށް މުނާސަބު ދަނޑިވަޅެއްގަ އެވެ. ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް މިއަދު ފާހަގަ ކުރަމުން އަންނަ ވަގުތު އެވެ. މިހެންވެ ރާއްޖޭގެ ނޫސްވެރިކަމުގެ ހާލަތު މިހާރު އޮތް ގޮތް ވެސް އާއްމުންނަށް އެނގިގެން ދިޔުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ބަލާއިރު ނޫސްވެރިކަމުގެ މިނިވަންކަމަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ ފްރީޑަމް ހައުސް އިން މިއަދު ނެރުނު ރިޕޯޓުގައި ފާހަގަކޮށްފައި ވަނީ ވޭތުވެދިޔަ އަހަރު ނޫސްވެރިކަމުގެ މިނިވަންކަމުގެ ގޮތުން އެންމެ ބޮޑު ކުރިއެރުމެއް ހޯދާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ. މިއީ ކޮންމެ ދިވެހި ދަރިޔަކު ވެސް އުފާ ކުރާނެ ކަމެކެވެ. ނަމަވެސް ހަމައެއާއެކު ރަނގަޅު ކުރަންޖެހޭ ނުކުތާއެއް ވެސް އެ ޖަމާއަތުން ވަނީ ފާހަގަކޮށްފަ އެވެ. އެއީ ގާނޫނުލް އުގޫބާތު ނުވަތަ ޕީނަލް ކޯޑުގައި އަބުރާ ބެހުން މިހާރު އޮތީ ޖިނާއީ ކުށެއްގެ ގޮތުގައި ކަމަށް ވެފައި މިއީ މަދަނީ ކުށަކަށް ބަދަލު ކުރަން ޖެހޭ ކަމެކެވެ. ސަބަބަކީ، ގައުމުގެ މުހިއްމު ޒިންމާތައް ނަގާ ފަރާތްތައް ޒިންމާދާރު ކުރުވަން މިނިވަން ނޫސްވެރިކަމެއް ކުރަމުންދާއިރު، އާއްމުންނާ ހިސާބަށް މައްސަލަތައް ގެނައުމަށް އެންމެ ބޮޑަށް ހުރަސް އެޅޭ އެއް ކަމަކީ، މައްސަލަތަކުގެ މުގުލުގައި ތިބޭ މީހުން، ނޫސްވެރިންގެ ބޮލުގައި އަބުރާ ބެހުމުގެ ތުހުމަތު އެޅުވުމެވެ. އަދި މިހެންވެ، މިއީ ޖިނާއީ ކުށެއްގެ ގޮތުގައި އޮތް ނަމަ، ފުރިހަމަ އަދި މިނިވަން ނޫސްވެރިކަމެއް ކުރަން ނޫސްވެރިން ޖެހިލުންވެ، އަމިއްލައަށް ސެންސަރުކޮށް، އަމިއްލަ އަށް ގަލަން ތަކުގައި ދޯރި ޖަހައިގެން ތިބެން މަޖުބޫރުވާނެތީ އެވެ. މިހެންވެ، ގާނޫނުލް އުގޫބާތުގައި އަބުރާ ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި އޮތް އޮތުން މަދަނީ ކުށަކަށް ބަދަލު ކުރުމަށް މި ދަނޑިވަޅުގައި މި ނޫހުން ވެސް ގޮވާލަމެވެ. އަދި ހަމަ އެއާއެކު ނޫސްވެރިން އެ މީހުންގެ ޒިންމާ ވެސް ފުރިހަމަ ގޮތުގައި އަދާކޮށް، ތެދު މައުލޫމާތު ފޯރުކޮށް ދިނުމަށް ގޮވާލަމެވެ. ތައުލީމީ އާބާދީއެއް ދުޅަހެޔޮ ދިރިއުޅުމެއް ރާއްޖޭގެ ހުރިހާ ކަންކޮޅެއްގައި އުޅެމުން ގެންދާތަން ދުށުމީ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ކޮންމެ މީހަކު ވެސް އަބަދުމެ ދެކެން ބޭނުންވާ މަންޒަރެވެ. ހިލްއަތު ރަޝީދު އެޑިޓަރ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.