އަޅުގަނޑަކީ ވޯޓް ގަނެ ވިއްކާނެ މީހެއްނޫން: ސަލީމް

އަހްމަދު ސަލީމް
އަހްމަދު ސަލީމް

 

ސީދާ ގޮތުންނާއި ނުސީދާގޮތުން ސޯޝަލް މީޑިއާ ތަކުގައާއި އެހެނިހެން ތަންތަނުގައި ދައްކާ ހަގީގަތާ ޚިލާފު ވާހަކަތަކަށް ރައްދު ދިނުމަކީ ކުރާހިތްވާ ކަމެއް ނޫން ކަމަށާއި އަދި އޭނާ އަކީ “ވޯޓް ވިއްކާ ނުވަތަ ވޯޓް ގަންނާނެ މީހެއްނޫން” ކަމަށް ބ. އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

ޒާތީގޮތުން ދިމާނުކޮށް ކެންޕޭން ކުރުމަށް އިދިކޮޅު ކެންޑިޑޭޓުންނަށް ގޮވާލައްވައި ސަލީމު މިއަދު ނެރުއްވި ނޫސް ބަޔާނެއްގައި ބުނެފައިވަނީ، އޭދަފުށީ ދާއިރާގެ ރައްޔިތުންނަށް އެހީއެއް ވެވިފައިވާނަމަ، އެ އެހީއެއް ވެފައި އޮންނާނީ އެއްވެސް ޝަރުޠަކާ ނުލާ ކަމަށެވެ.

“އަޅުގަނޑަކީ ވޯޓް ވިއްކާ ނުވަތަ ވޯޓް ގަންނާނެ މީހެއްވެސް ނޫން، އެކަމަކު މި ދާއިރާގެ ރައްޔިތުންގެ ހާލުބަލާ، ރަށްރަށުގައި އުފެދިފައިވާ ޖަމިއްޔާ ތަކާއި ކޮމެޓީތަކާއި ވަކިވަކި ފަރުދުންނަށް އަޅުގަނޑުގެ ތަނަވަސްކަން ހުރި މިންވަރަކުން ހޭދަކުރާ މީހަކީމެވެ. އަޅުގަނޑުގެ ފަރާތުން އެހީ އަކަށް އެދިއްޖެ މީހަކަށް އެހީވެ ދިނުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ޚާއްސަ އުފަލެކެވެ،” ސަލީމު މިއަދު ނެރުއްވި ތިން ސަފްހާގެ ނޫސް ބަޔާނުގައި ވެ އެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހަކީ ޢިލްމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން އެ ދާއިރާ ތަމްސީލު ކުރެވޭ ވަރުގެ ބުރަދަން ހުރި މީހަކަށް ވާން ޖެހޭނެ ކަމަށެވެ. އަދި ތަނަވަސް ކަމުގެ ގޮތުންނާއި ސަރުކާރާއި ގުޅިގެން ދާއިރާގެ ރަށްތައް ތަރައްޤީ ކުރެވޭ ވަރުގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ނުވަތަ އެފަދަ ގުޅުމެއް އުފައްދަން އެނގޭ ،ސަރުކާރުގެ އެތެރެ އާއި ބޭރުންވެސް ކަންތައް ތަކެއް ކޮށްދެވޭނެ މީހަކަށްވެސްވާން ޖެހޭނެ ކަމަށް އެ ބަޔާނުގައި ވެ އެވެ.

“އަޅުގަނޑަކީ ކޮރަޕްޝަނާއި ފަސާދަ އާއި ދެކޮޅަށް މަސައްކަތް ކުރާ، ދީނަށާއި ގައުމަށް އިޚްލާސްތެރި ކަމާ އެކު މަސައްކަތް ކުރުމަށް ހުވާ ކޮށްގެން ހުރި މީހަކަށް ވީ ހިނދު، އަޅުގަނޑަކީ އެފަދަ ކަންތައްތަކާ ދެކޮޅަށް ފާޅުގައި އެންމެ ބޮޑަށް ވަކާލާތުކޮށްފައިވާ އެކަކުކަން އޮންނާނީ ސާބިތު ކޮށްދީފަ އެވެ. މަޖިލީހުގެ ގޮޑީގައި އިނދެގެންނާއި އެކި އެކި ފޯރަމްތަކާއި ޕޯޑިއަމް ތަކުގައި އެންމެ ގިނައިން ދެކެވިފައިވާނެ އެއްވާހަކަ އަކީ އެއީއެވެ. ވީމާ އަޅުގަނޑާމެދު ރައްޔިތުންގެ ހިތުގައި ޝައްކު އުފެއްދުމަށް ނުވަތަ އަޅުގަނޑުގެ އަގު ވައްޓާލުމަށް ތިޔަކުރައްވާ ބޭކާރު މަސައްކަތް ހުއްޓާލެއްވުމަށް ވަރަށް އިޚްލާޞްތެރިކަމާއެކު ދަންނަވަމެވެ. އެގޮތުން ދައްކާ ކޮންމެ ވާހަކަ އަކުން އަޅުގަނޑަށް ލިބޭނީ ޕްލަސް ޕޮއިންޓެއްކަންވެސް ހަނދާން ކުރައްވާށެވެ،” ޕީޕީއެމްގެ ޓިކެޓްގައި އޭދަފުށީ ދާއިރާއަށް ކެންޕޭން ކުރައްވަމުންގެންދަވާ އަހްމަދު ސަލީމް މިއަދު މިއަދު ނެރުއްވި ބަޔާނުގައިވެ އެވެ.

އެ ބާޔާނުގައި ސަލީމް ވިދާލުވެފައިވަނީ އޭނާ މި ދާއިރާއަށް ދެވަނަ ދައުރަކަށް ކުރިމަތިލާން ގަސްދުކުރީ އިތުބާރާއެކު، މިދާއިރާގެ ރައްޔިތުންގެ ނުހަނު ލޯތްބާއި އިހްތިރާމް ލިބިގެން އަދި ރައްޔިރުންގެ ނުފުދިފައިވާ ބޭނުންތައް ފުއްދައިދިނުމުގެ މާތް މަގުޞަދުގައި ކަމަށެވެ. އަދި އޭނާ އާއި ޒާތީގޮތުން ދިމާކުރުމުގައި ވަގުތުތައް ބޭކާރު ކޮށްނުލައްވައި ކެމްޕޭން ކުރައްވައިގެން ރައްޔިތުންގެ ތާއީދު ހޯއްދެވުމަށްވެސް އިދިކޮޅު ކެންޑިޑޭޓުންނަށް ސަލީމުވަނީ ގޮވާލައިފަ އެވެ. .

“އަނެކުންގެ އަބުރު ކަތިލުން ފަދަ ފިނޑި އަދި ގޮތް ހުސްވެފައިވާކަން އަންގައިދޭ ކަންތައްތަކުން ދުރުހެލިވާށެވެ. އެހެން ކެންޑިޑޭޓުންނާބެހޭ ގޮތުން ވާހަކަ ހަދަހަދައިގެން ދެއްކެވުމުގެ ބަދަލުގައި ތިމާ، ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް ކޮށްދޭނެ ކަންތައްތައް ވިއްކަވާށެވެ. އަޅުގަނޑުގެ އިޚްލާޞްތެރި އެދުމަކީ މިއީއެވެ” އެ ބަޔާނުގައި ވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.