ކެޕްޓަން މަޖިއްޓޭ އޭދަފުށީ ދާއިރާއަށް ވާދަކުރަނީ

އަބްދުލް މަޖީދު އިބްރާހީމް (ކެޕްޓަން މަޖިއްޓޭ)

ފުޓްބޯޅައިގައި ނަން މަޝްހޫރު އަބްދުލް މަޖީދު އިބްރާހީމް (ކެޕްޓަން މަޖިއްޓޭ) އަންނަ މާޗް މަހު އޮންނަ މަޖިލީސް އިންތިހާބުގައި އޭދަފުށީ ދާއިރާއަށް ވާދަކުރަން ނިންމައިފި އެވެ.

މަޖިއްޓޭ ވަނީ އޭދަފުށި، މާޅޮސް އަދި ހިތާދޫ ހިމެނޭ ދާއިރާއަށް ވާދަކުރާނެކަން މިއަދު ސޯޝަލް މީޑިއާގައި އާއްމުކޮށްފައެވެ.

އޭދަފުއްޓަށް އުފަން މަޖިއްޓޭ އަކީ މެދުކެނޑުމެއްނެތި އެއް ފެންވަރެއްގައި 25 ވަރަކަށް އަހަރު ފުޓްބޯޅައިގައި ވިދާލި ކުޅަދާނަ ކުޅުންތެރިއެކެވެ. ސްކޫލް ދައުރުންސުރެ މިއަދާ ހަމައަށްވެސް މަޖިއްޓޭއަކީ ފުޓްބޯޅައިގައި އަތޮޅު ފެންވަރުގެ އިތުރުން ގައުމީ ފެންވަރުގައިވެސް ވާދަކޮށްފައިވާ ކުޅުންތެރިއެކެވެ. ޒުވާން ދުވަސްވަރު އެއްވަނަ ޑިވިޝަނުގެ ގިނަ ކްލަބްތަކަކުން ތަކުރާރުކޮށް ފުރުސަތު ލިބުނު މަޖިއްޓޭ މާލޭގެ އެއްވެސް ޓީމަކާ ނުގުޅި ފެނުނީ ރަށުގައި ފުޓްބޯޅަ ކުޅުނުތަނެވެ. އަދި އޭދަފުށިން މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2016 ވަނަ އަހަރު ކާމިޔާބު ކުރިއިރު މަޖިއްޓޭ މުހިއްމު ދައުރެއް އަދާކުރި އެވެ.

ފުޓްބޯޅައިގައި ހަރަކާތްތެރިވި ނަމަވެސް މީގެ 20 އަހަރު ކުރިން ފެށިގެން މަޖިއްޓޭ އަކީ ސޮނެވާފުށީ ރިސޯޓުގެ މުވައްޒަފެކެވެ. މިހާރު ސޮނެވާފުށީ ރެސްޓޯރެންޓްގެ އެސިސްޓެންޓް މެނޭޖަރެއްގެ މަގާމުގައި ހުރި މަޖިއްޓޭ ބުނީ އުފަން ދާއިރާއަށް ވާދަކުރަން ނިންމީ ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ.

“ގިނަ ބައެއްގެ އެދުމުގެ މަތިން ކުރިމަތިލާން ރަސްމީކޮށް ނިންމީ. އެންމެވެސް ބޭނުންވަނީ ވީހާވެސް ގާތުން މަޖިލިސް މެމްބަރު މަސައްކަތްކުރަން. އަޅުގަނޑު މި ހުރިހާ ދުވަހު މި އުޅުނީ ދާއިރާގެ ރައްޔިތުންނާއެކު. ކޮންމެ މީހަކަށްވެސް އަޅުގަނޑާ ބައްދަލުކޮށް އަޅުގަނޑު ގާތު ބޭނުން ކަމަކު ބުނެވޭނެ،” ކުރިމަތިލި ސަބަބު ބަޔާންކުރަމުން މަޖިއްޓޭ ބުންޏެވެ.

“ދާއިރާގެ ރައްޔިތުންނަށް އަޅުގަނޑަކީ ކާކުކަން ވަރަށް ރަނގަޅަށް އެނގޭނެ. އަޅުގަނޑަކީ އަބަދު މި ދާއިރާގެ ރައްޔިތުންނާއި އަބަދުވެސް ބައްދަލުވެ އެމީހުންގެ އިހުސާސްތައް ވަރަށް ރަނގަޅަށް ދަންނަ މީހެއް،”

މަޖިއްޓޭ އޭދަފުށީ ދާއިރާއަށް ވާދަކުރަން ނިންމާފައިވާއިރު މިހާރުވެސް މި ދާއިރާގެ މަޖިލިސް މެމްބަރުކަން ފުރުއްވަމުންގެންދަވާ އަހުމަދު ސަލީމާއި ބ. އަތޮޅު ކައުންސިލުގެ ރައީސް މަބުރޫކް ނަސީރާއި ލޮޓަސްގެ ވެރިޔާ މުހައްމަދު އާރިފް (އާއްޓެ)ގެ އިތުރުން ހިތާދޫ ޔޫސުފް ގާސިމު ވެސް ވަނީ އޭދަފުށީ ދާއިރާއަށް ވާދަކުރައްވަން ނިންމަވައިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.