ފީފާ ވާލްޑްކަޕް ގެ ތާރީޚް

1938 އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމު
1938 އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމު

 

ފީފާ ވާލްޑް ކަޕް ނުވަތަ އާއްމުކޮށް ކިޔާގޮތުން ނަމަ ވާލްޑް ކަޕް ފުޓްބޯޅަ މުބާރާތަކީ ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ “ފީފާ” އިން މީގެ 83 އަހަރު ކުރިން، 1930 ވަނަ އަހަރުން ފެށިގެން ކޮންމެ 4 އަހަރަކުން އެއް އަހަރު ބާއްވާ މުބާރާތެކެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން 1942 އަދި 1946 ވަނަ އަހަރު މި މުބާރާތް ނުބޭއްވި ނަމަވެސް އޭގެ ފަހުން ކޮންމެ 4 އަހަރަކުން އެއް އަހަރު މި މުބާރާތް ޤަވާއިދުން ބާއްވައެވެ.

ވާލްޑް ކަޕް އެންމެ ފުރަތަމަ ބޭއްވުމުގެ ކުރިންވެސް ވާދަވެރި ފުޓްބޯޅަ މެޗްތައް ވަނީ ޤައުމުތަކުގެ މެދުގައި ކުޅެވިފައެވެ. މިގޮތުން އެންމެ ފުރަތަމަ ދެޤައުމެއްގެ ދެމެދުގައި ކުޅެވުނު ވާދަވެރި ފުޓްބޯޅަ މެޗަކީ ސްކޮޓްލެންޑްގެ ގްލަސްގޯވ ގައި މީގެ 142 އަހަރު ކުރިން އިންގްލެންޑާ ދެކޮޅަށް އެޤައުމު ކުޅުނު މެޗެވެ. މިމެޗް ނިމިފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. އޭގެ ފަހުން 1983/84 ގައި އިންގްލެންޑް، ސްކޮޓްލެންޑް، ވޭލްސް އަދި ނޮރދާން އަޔަލެންޑް ގެ މެދުގައި ކުޅެވުނު ފުޓްބޯޅަ މުބާރާތަކީ އެންމެ ފުރަތަމަ ބޭއްވުނު ވާދަވެރި ފުޓްބޯޅަ މުބާރާތެެވެ. މި މުބާރާތް 100 އަހަރަށް ދެމިގެން ދިޔައިރު އިންގްލެންޑަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުން މި މުބާރާތް 54 ފަހަރު ކާމިޔާބު ކޮށްފައި ވެއެވެ. 1983/84 ގައި މިމުބާރާތް ބޭއްވުން އެއްކޮށް ހުއްޓާލިއިރު އެއަހަރުގެ މުބާރާތް ކާމިޔާބު ކޮށްފައި ވަނީ ނޮދާން އަޔަލެންޑެވެ.

1904 ވަނަ އަހަރު ފީފާ އުފެދިގެން އައިސް، އޭގެ ދެއަހަރު ފަހުން 1906 ވަނަ އަހަރު ސްވިޒަލެންޑް ގައި ފުޓްބޯޅަ މުބާރާތެއް ބޭއްވުމަށް މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް އެފަހަރު ފީފާއަށް އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ. އެހެން ނަމަވެސް އޭގެ ފަހުން 28 މެއި 1928 ވަނަ އަހަރު އަމްސްޓަރޑަމްގައި ބޭއްވި ފީފާގެ ކޮންގްރެސް ބައްދަލުވުމުގައި، އުރުގުއޭގެ މިނިވަންކަމަށް 100 އަހަރު ފުރުމާ ދިމާކޮށް އެޤައުމުގައި ފުޓްބޯޅަ މުބާރާތެއް ބޭވުމަށް ފީފާއިން ނިންމިއެވެ. ޖޫލްސް ރިމޭ ޓްރޮފީގެ ނަމުގައި ބޭއްވި އެފަހަރުގެ މުބާރާތުގައި ޖުމްލަ 13 ޤައުމު ވާދަކުރި އިރު މުބާރާތް ކާމިޔާބު ކޮށްފައިވަނީ މުބާރާތް ބޭއްވި ޤައުމު ކަމަށްވާ އުރުގުއޭ އެވެ.

1998-bra-fra-ronaldo-barthez-g

ހަނގުރާމައިގެ ސަބަބުން އަދި ދަތުރު ފަތުރުގެ ދަތިކަން ހުރުމުގެ ސަބަބުން  1934 އަދި 1938 ވަނަ އަހަރުގެ ވަރލްޑް ކަޕް ބޭއްވުމަށް ބައެއް ހުރަސްތައް ކުރިމަތިވި ނަމަވެސް އެދެފަހަރުވެސް މުބާރާތް ބާއްވާފައި ވެއެވެ. އެ ދެމުބާރާތުގެ ވެސް ތަށި ކާމިޔާބު ކޮށްފައި ވަނީ އިޓަލީ އިންނެވެ. 1942 ވަނަ އަހަރު ނާޒީ ޖަރުމަނު އަދި 1946 ވަނަ އަހަރު ބްރެޒިލް އިން އެމުބާރާތް ބާއްވަން މަސައްކަތް ކުރި ނަމަވެސް ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.

1934 ވަނަ އަހަރުން ފެށިގެން 1978 ވަނަ އަހަރާ ހަމަޔަށް ދެ ފަހަރެއް ފިޔަވައި ކޮންމެ ފަހަރަކުވެސް ޖުމްލަ 16 ޓީމް ވާދަކޮށްފައި ވެއެވެ. 1938 ވަނަ އަހަރުގެ މުބާރާތަށް އޮސްޓްރިއާ ކޮލިފައި ވިނަމަވެސް އެފަހަރުގެ މުބާރާތުގައި އެ ޤައުމުން ވާދަކޮށްފައެއް ނުވެއެވެ. 1950 ވަނަ އަހަރު އިންޑިޔާ، ތުރުކީ އަދި ސްކޮޓްލެންޑަށް މުބާރާތުން ޖާގަ ލިބުނު ނަމަވެސް ބައިވެރިވެ އެއްވެސް މެޗެއް ކުޅެފައެއް ނުވެއެވެ. އެފަހަރުގެ މުބާރާތުގައި އިންޑިއާއިން ވާދަ ނުކުރީ އެޓީމުން ހުސްފައިގައި ކުޅެން މުބާރާތް އިންތިޒާމު ކުރާ ފަރާތް އެއްބަސް ނުވުމުން ކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަނުން އޭރު ބުނެފައި ވަނީ މުބާރާތަށް ތައްޔާރު ވުމަށް އެމީހުންނަށް އެކަށީގެންވާ ވަގުތު ނުލިބުމާއި ކުޅުންތެރިން ނެގުމުގައި ޚިޔާލު ތަފާތުވުމެއް އުޅުމުން ބައިވެރި ނުވީ ކަމަށެވެ.

1982 ވަނަ އަހަރު މުބާރާތުގައި ބައިވެރިވާ ޤައުމުތަކުގެ އަދަދު 24 އަށް އިތުރުކޮށް 1998 ވަނަ އަހަރު އެ އަދަދު 32 އަށް އިތުރު ކޮށްފައިވެއެވެ. 2002 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި 200 ޤައުމު ބައިވެރިވި އިރު 2006 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިންގައި 198 ޤައުމު އަދި 2010 ވަނަ އަހަރުގެ މުބާރާތުގެ ކޮލިފައިން ގައި 204 ޤައުމު ބައިވެރިވެފައި ވެއެވެ.

2002-ger-bra-cafu-g

މިއަހަރު ބްރެޒިލްގައި އޮންނަ ވާލްޑް ކަޕްގެ ކޮލިފައިން ބުރުގައި ފީފާގެ 6 ކޮންފެޑެރޭޝަނުން 203 ޤައުމު ވާދަކޮށް ޖުމްލަ 820 މެޗް ކުޅެފައި ވެއެވެ. މިފަހަރުގެ ކޮލިފައިންގައި އެންމެ ގިނަ ގޯލް ޖަހާފައިވަނީ ސެންޓްރަލް އެމެރިކާގެ ޤައުމެއް ކަމަށްވާ ބެލީޒްގެ ޑިއޮން މެކްކައުލޭ އާއި ނެދަލެންޑްސްގެ ރޮބިން ވޭން ޕަރސީ އަދި އުރުގުއޭގެ ލުއިސް ސުއަރޭޒް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ވެސް 11 ގޯލް ޖަހާފައި ވެއެވެ.

މިފަހަރުގެ މުބާރާތް ބާއްވާ ޤައުމު ކަމަށްވާ ބްރެޒިލް އަކީ މި މުބާރާތުގެ ތާރީޚުގައި އެންމެ ކާމިޔާބު ޓީމެވެ. އެޤައުމުން މިމުބާރާތް 5 ފަހަރު ކާމިޔާބުކޮށް ދެފަހަރު ދެވަނަ ހޯދާފައިވެއެވެ. ބްރެޒިލްގެ އިތުރުން އިޓަލީ 4 ފަހަރު، ޖަރުމަނު 3 ފަހަރު، އާޖެންޓީނާ އަދި އުރުގުއޭ ދެ ފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައިވެ އެވެ. އަދި ހަމަ އެހެންމެ ފްރާންސް، އިންގްލެންޑް އަދި ސްޕެއިން މިއިން ކޮންމެ ޤައުމެއް އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ. މިފަހަރުގެ މުބާރާތަކީ ފީފާއިން ބާއްވާ 20 ވަނަ ވާލްޑް ކަޕެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.