ވޯލްޑް ކަޕް 2014: ބްރެޒިލް

ބްރެޒިލް ޓީމް
ބްރެޒިލް ޓީމް

 

ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކާމިޔާބު ޤައުމު މިފަހަރުގެ ވޯލްޑްކަޕާއި ކުރިމަތިލަނީ އަމިއްލަ ފަސްގަނޑުގައި ތަށި ހޯދުމުގެ އަޒުމުގައެވެ. ދުނިޔޭގެ އެންމެ ޝަރަފްވެރި މުބާރާތް 5 ފަހަރު ކާމިޔާބުކޮށްފައިވާ ބްރެޒިލްއަކީ ގިނަ ބައެއްގެ ނަޒަރުގައި މިފަހަރުގެ ފޭވަރިޓުންނެވެ. މިހާތަނަށް ބާއްވާފައިވާ ހުރިހާ ވޯލްޑްކަޕެއްގައި ކުޅުމުގެ ޝަރަފް ލިބިފައިވާ ހަމައެކަނި ޤައުމު، ބްރެޒިލްއަކީ ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނެވެ. 1950 ވަނަ އަހަރު އަމިއްލަ ޤައުމުގައި ބޭއްވި  މުބާރާތުގައި ބްރެޒިލް އަށް ދެވަނަ މަޤާމް ލިބުނީ އުރުގުއޭ އަތުން މޮޅު ނުވެވުމުންނެވެ. ނަމަވެސް މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު ބްރެޒިލްގެ ހުރިހާވެސް އުއްމީދަކީ ވޯލްޑްކަޕްގެ ތަށި އަމިއްލަ ޤައުމުގައި، އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި އުފުލާލުމެވެ. ބްރެޒިލްގެ މި އުއްމީދު ހާޞިލްކުރުމަށް ކުޅުންތެރިންގެ މޭސްތިރިއެއްގެ ގޮތުގައި ޓީމާއި ޙަވާލުވެ ހުރީ 2002 ވަނަ އަހަރުގެ ވޯލްޑްކަޕް  އެ ޤައުމަށް ކާމިޔާބުކޮށްދިން ކޯޗް ބްރެޒިލްއަށް އުފަން އުމުރުން 65 އަހަރުގެ ލުއިޒް ފެލިޕޭ ސްކޮލާރީ އެވެ.

ފުޓްބޯޅައިގައި ޔޫރަޕްގެ ޤައުމުތައް ކަމަށްވާ ސްޕޭން އާއި ޖަރުމަނު ފަދަ ޤައުމުތައް މޮޅު ކުޅުމެއްދައްކަމުންދާއިރު މިފަހަރުގެ ވޯލްޑްކަޕް ބްރެޒިލްއަށް ކާމިޔާބު ކުރެވިދާނެކަމާމެދު ބައެއް ފަރާތްތަކުގެ ހިޔާލު ތަފާތެވެ. ނަމަވެސް ވޯލްޑްކަމަށް ތައްޔާރުވުމުގެ ގޮތުން 2013 ވަނަ އަހަރު ބޭއްވި ކޮންފަޑަރޭޝަންސް ކަޕްގެ ޗެމްޕިއަންކަން ބްރެޒިލް ހޯދީ މޮޅު ކުޅުމެއްދައްކައި ގަދަފަދަ ސްޕެއިންގެ މައްޗައް ތަފާތު ބޮޑު ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައިވެސް ޔޫރަޕްގެ ގަދަ ބާރުތައް އެންމެ ޖެހިލުންވާ ޓީމާކަމަށް ބްރެޒިލް ވާނޭކަމީ ގިނަބަޔަކު ޤަބޫލުކުރާ ހަޤީގަތެކެވެ.

މީގެ ކުރިން ކުޅުން 19 މުބާރާތުގައި ވާދަކޮށް ބްރެޒިލް ވަނީ 5 ފަހަރު ޗެމްޕިއަންކަން ހޯދާފައެވެ. 2 ފަހަރެއްގެ މަތީން 2 ވަނަ މަޤާމާއި 3 ވަނަ މަޤާމް ހޯދާފައިވާއިރު 1974 ވަނަ އަހަރު ލިބުނީ ހަތަރުވަނައެވެ. މީގެ އިތުރުން މުބާރާތުގެ ކުއާޓަރ ފައިނަލާއި ހިސާބުން ބްރެޒިލް ވަނީ 4 ފަހަރު ވަކިވާންޖެހިފައެވެ. ގްރޫޕް ސްޓޭޖުން 2 ފަހަރު ކަޓާފައިވާއިރު 1982 ވަނަ އަހަރު ސްޕެއިންގައި އޮތް މުބާރާތާއި 1990 ވަނަ އަހަރު އިޓަލީގައި އޮތް މުބާރާތުން ކެޓީ ދެވަނަ ބުރުންނެވެ. ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ބޮޑު ނާކާމިޔާބީއަކާއި ބްރެޒިލް ކުރިމަތިލާންޖެހުނީ 1934 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕުގައެވެ. މި މުބާރާތުން ބްރެޒިލް ވަކިވާން ޖެހުނީ ފުރަތަމަ ބުރުންނެވެ. އެފަހަރު ބްރެޒިލްއަށް ލިބުނީ މުބާރާތުގެ 14 ވަނައެވެ.

މިއީ ބްރެޒިލްގައި ވޯލްޑްކަޕް ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ޤައުމުގައި ވޯލްޑްކަޕް ބޭއްވީ 1950 ވަނަ އަހަރުއެވެ. މިފަހަރުގެ މުބާރާތުގައި ބްރެޒިލް ވާދަކުރަނީ މުބާރާތް ބާއްވާ ޤައުމުގެ ހައިޞިއްޔަތުންނެވެ. ބްރެޒިލްއާއި އެކު އެ ގްރޫޕްގައި ދެންވާދަކުރާނީ ކޮރޭޝިއާ، މެކްސިކޯ އަދި ކެމަރޫންއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.