ކޮންކާކަފް ސަރަހައްދުން ވޯލްޑްކަޕްގައި ވާދަކުރާ މެކްސިކޯ އަކީ މިހާތަނަށް ވޯލްޑްކަޕްގައި 14 ފަހަރު ކުޅެފައިވާ ޓީމެކެވެ. ޤައުމު ފަހުރުވެރިވާފަދަ ކާމިޔާބެއް ވޯލްޑްކަޕްގައި ލިބިފައިނުވާ މެކްސިކޯއަށް މިހާތަނަށް އެންމެ ކުރިއަށް ދެވުނީ އަމިއްލަ ޤައުމުގައި ކުޅުނު ދެފަހަރުއެވެ. އެއީ 1970 އަދި 1986 ވަނަ އަހަރު ކުއާޓަރ ފައިނަލްއާއި ހަމައަށެވެ. ބްރެޒިލްއާއި އެއް ގްރޫޕެއްގައި ހިމެނުމުން މެކްސިކޯގެ މިފަހަރުގެ އަމާޒަކަށް ވާނީ ގްރޫޕް ސްޓޭޖް ފަހަނަ އަޅައި ދިއުންކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. ވޭތުވެދިޔަ ފަސްފަހަރުވެސް ވޯލްޑްކަޕްގެ ދެވަނަ ބުރުން މެކްސިކޯ ކަޓާފައިވާއިރު 2006 ވަނަ އަހަރާއި 2010 ވަނަ އަހަރުވެސް މެކްސިކޯ ކެޓީ އާޖެންޓީނާއާއި ވާދަކޮށެވެ.
ވޯލްޑްކަޕްގެ ގަދަ އަށަކަށް ދިއުމަށް އެޤައުމުގެ ރައްޔިތުން ކުރާ ދިގު އިންތިޒާރުގައި މިހާތަނަށް ކުލަޖެހިފައި ނުވާއިރު މިއަހަރުގެ ގްރޫޕް ސްޓޭޖް ފަހަނައަޅައި ދިއަޔަސް ދެވަނަ ބުރުގައި ޔޫރަޕްގެ ވަރުގަދަ ބާރަކާއި ޖެހުމުގެ ފުރުޞަތު މެކްސިކޯއަށް ވަރަށް ބޮޑެވެ. މެކްސިކޯ ދެވަނަ ބުރަށް ގޮސްފިނަމަ ވާދަކުރަން ޖެހޭނީ ގްރޫޕް ބީ އިން އެއްވަނަ ނުވަތަ ދެވަނަ ޓީމާއެވެ. ގްރޫޕް ބީ ކާމިޔާބު ކުރާނެކަމަށް ބޮޑަށް ބެލެވެނީ 2010 ވަނަ އަހަރު ވޯލްޑްކަޕްގެ ފައިނަލްގައި ކުޅުނު ސްޕެއިން އަދި ނެދަލެންޑްސް ކަމަށް ޤަބޫލުކުރެވެއެވެ. އެހެންކަމުން މިފަހަރުގެ ވޯލްޑް ކަޕްގައިވެސް މެކްސިކޯއަށް އޮތީ ހަނި ފުރުޞަތެއް ކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ.
މެކްސިކޯ ވޯލްޑްކަޕަށް ކޮލިފައިވީ، ކޮލިފައިންގައި އެޓީމު ހިމެނުނު ކޮންކާކަފް ސަރަހައްދުގެ ގްރޫޕްގެ ހަތަރު ވަނައަށް ދިއުމުން، ކޮލިފައިވުމަށް ކުޅެން ޖެހުނު ޕްލޭއޮފް ގައި ނިއުޒީލޭންޑްގެ މައްޗަށް ދެމެޗްގެ އެގްރިގޭޓުން ކުރިހޯދައިގެންނެވެ. މެކްސިކޯގެ ކޯޗެއްގެ ގޮތުގައި މިފަހަރުގެ މުބާރާތުގައި ހުންނާނީ އެޤައުމަށް އުފަން އުމުރުން 46 އަހަރުގެ މިގުއެލް ހެރޭރާއެވެ. އެޓޭކިންގ ފުޓްބޯޅައަށް ލޯބިކުރާ ހެރޭރާ ވަނީ މެކްސިކޯގެ ޤައުމީ ޓީމަށް 14 މެޗް ކުޅެދީފައެވެ.