ވޯލްޑްކަޕް ކާމިޔާބުކުރުމަށް ކެތްމަދުވެފައިވާ ނެދަލޭންޑްސް އަކީ ޔޫރަޕުން މިފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ އެންމެ ވަރުގަދަ އެއްޤައުމެވެ. ވޯލްޑްކަޕްގެ ދިގު ތާރީޚުގައި، އެމުބާރާތް ކާމިޔާބު ކުރެވިފައިނުވާ ނެދަލޭންޑްސް މިފަހަރުގެ މުބާރާތާއި ކުރިމަތިލަނީ މުބާރާތް ކާމިޔާބު ކުރުމުގެ އަޒުމުގައެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ފައިނަލްގައި ހަނިގޮތަކަށް ސްޕެއިން އަތުން ބަލިވި ނެދަލޭންޑްސް މިފަހަރު ލައްވާލީވެސް ސްޕެއިން އާއި އެއްގްރޫޕެއްގައެވެ. މިދެޓީމުގެ އިތުރުން ދެން އެގްރޫޕްގައި ހިމެނެނީ ޗިލީ އާއި އޮސްޓްރޭލިއާއެވެ. މި ގްރޫޕަކީ އެންމެ އުނދަގޫ ގްރޫޕް ކަމަށް ފުޓްބޯޅަ ދިރާސާކުރާ ބައެއް ފަރާތްތަކުން ސިފަކުރެއެވެ.
ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި ނެދަލޭންޑްސްއަށް މިހާތަނަށް ލިބުނު ހަމައެކަނި ކާމިޔާބަކީ 1988 ވަނަ އަހަރު ވެސްޓް ޖަރމަނީގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތެވެ. ވޯލްޑްކަޕްގައި މިހާތަނަށް 3 ފައިނަލްކުޅެ އެ 3 މެޗުންވެސް ބަލިވެފައިވާ ނެދަލޭންޑްސް އަކީ ފުޓްބޯޅައިގައި ނަސީބުދެރަ ޤައުމެއްކަމަށް ގިނަބަޔަކު ފާހަގަކުރެއެވެ. ވޯލްޑްކަޕް ފައިނަލްގައި ނެޑަލޭންޑްސް ވަނީ 1974 ވަނަ އަހަރު ވެސްޓް ޖަރމަނީ އަތުން ބަލިވެފައެވެ. އަދި 1978 ވަނަ އަހަރު އާޖެންޓީނާ އަތުން ބަލިވެފައިވާއިރު 2010 ވަނަ އަހަރު ބަލިވީ ސްޕެއިން އަތުންނެވެ.
މިފަހަރުގެ ވޯލްޑްކަޕަށް އެޓީމު ކޮލިފައިވީ ޔޫރަޕް ސަރަހައްދުން އެޓީމު ހިމެނުނު ގްރޫޕް ޑީގެ އެއްވަނަ މަޤާމު ހޯދައި ފަސޭހަކަމާއި އެކުއެވެ. ކޮލިފައިންގައި އެޓީމު ކުޅުނު 10 މެޗްގެ ތެރެއިން 9 މެޗުން މޮޅުވެ 1 މެޗުން ވަނީ އެއްވަރުވެފައެވެ. 1 މެޗްގައި އިދިކޮޅު ޓީމްތަކުގެ ގޯލަށް 34 ގޯލް ޖަހާފައިވާއިރު އެޓީމްކޮޅަށް ވަނީ އެންމެ 5 ގޯލެވެ. އެހެންކަމުން މުބާރާތާއި އެޓީމު ކުރިމަތިލަނީ ކޮލިފައިންގައި އެޓީމު ހޯދި ބޮޑު ކާމީޔާބީގެ ހިތްހަމަޖެހުމާއި އެކުގައެވެ.
ނެދަލޭންޑްސް އަށް އުފަން އުމުރުން 62 އަހަރުގެ ލުއިސް ވެންގާލްގެ އިރުޝާދުގެ ދަށުން ނިކުންނަ ނެދަލޭންޑްސް ޓީމް މުބާރާތުގައި ފުރަތަމަވެސް ވާދަކުރަންޖެހޭނީ ޗެމްޕިއަން ސްޕެއިންއާއެވެ. ލުއިސް ވެންގާލްއަކީ މީގެ ކުރިން ޔުރަޕްގެ ބޮޑެތި ކްލަބްތައް ކަމަށްވާ ބާސެލޯނާ އަދި ބެޔާން މިއުނިކަށްވެސް ކޯޗުކޮށްދީފައިވާ ތަޖުރިބާކާރު ކޯޗެކެވެ. އޭނަ ނެދަލޭންޑްސްގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ޙަވާލުވީ 2012 ވަނަ އަހަރުއެވެ. އެންމެ ފުރަތަމަ ނެދަލޭންޑްސްގެ ކޯޗުކަން އޭނާކޮށްފައިވަނީ 2000 ވަނަ އަހަރުން 2002 ވަނަ އަހަރާއި ހަމައަށެވެ.