ސޮކަރޫސްގެ ނަމުން ނަންދެވިފައިވާ އޮސްޓްރޭލިއާ އަކީ ކޮލިފައިންގައި އޭޝިޔާ ސަރަހައްދުން އެޓީމު ހިމެނުނު ބީ ގްރޫޕްގައި ޖަޕާންގެ ފަހަތުން ދެވަނަ ހޯދައި މުބާރާތަށް ކޮލިފައިވި ޓީމެކެވެ. ވޯލްޑްކަޕްގެ ތާރީޚުގައި އެޤައުމު ވާދަކުރާ މިއީ 04 ވަނަ ފަހަރެވެ. އެ ގްރޫޕްގައި ދެން ހިމެނޭ ސްޕެއިން، ނެދަލޭންޑްސް އަދި ޗިލީއާއި އަޅާބަލާއިރު އޮސްޓްރޭލިޔާއަކީ މުބާރާތުގެ ތަޖުރިބާ މަދު ޤައުމެކެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާއަށް ގްރޫޕް ސްޓޭޖް ފަހަނައަޅައި ދެވަނަ ބުރަށް ދިއުމަކީ ނުވާނެ ކަމެއްކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން މިހާރުވެސް ދަނީ ބުނަމުންނެވެ.
ވޯލްޑްކަޕްގައި އޮސްޓްރޭލިއާއަށް މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދިފައިވަނީ 2006 ވަނަ އަހަރު ޖަރުމަނުގައި ބޭއްވި މުބާރާތުގައެވެ. އެފަހަރު އޮސްޓްރޭލިއާ ވަނީ ދެވަނަބުރަށްގޮސް މުބާރާތުގެ 16 ވަނަ ހޯދާފައެވެ. އޭޝިއާ ސަރަހައްދުގެ ގަދަ ބާރެއް ކަމަށްވާ އޮސްޓްރޭލިއާގެ ޓީމު ގޮވައިގެން ދުނިޔޭގެ ގަދަބާރުންނާއި ކުރިމަތިލުމަށް މިފަހަރު ކޯޗެއްގެ ގޮތުގައި ނިކުންނާނީ، މީގެ ކުރިން އެޤައުމުގެ 20 އަހަރުންދަށުގެ ޓީމަށްވެސް ކޯޗުކަން ކޮށްދީފައިވާ އުމުރުން 48 އަހަރުގެ އެންޖެލަސް ޕޮސްޓެކޮގްލޯ އެވެ. ކްލަބް ކެރިއަރގައި ކޯޗްކޮށްދިންއިރު ޕޮސްޓެކޮގްލަސްއަކީ ދެފަރާތުން ކުޅޭ ކުޅުންތެރިން ބޭނުންކޮށްގެން ކައުންޓަރ އެޓޭކް ފުޓްބޯޅައަށް ޝައުގުވެރިވާ ކޯޗެކެވެ. އެހެންކަމުން މިފަހަރުގެ މުބާރާތުގައިވެސް އޮސްޓްރޭލިއާގެ ޓީމުގެ ފަރާތުން މި ގޭމްޕްލޭން ފެނުމަކީ އެކަށީގެންވާކަމެކެވެ.
ކޮލިފައިންގައި އެޓީމު ކުޅުން 8 މެޗުގެ ތެރެއިން 6 މެޗުން މޮޅުވެފައިވާއިރު އެއްމެޗް އެއްވަރުކޮށް އަދި އެއްމެޗުން ވަނީ ބަލިވެފައެވެ. ކޮލިފައިންގައި ޖުމްލަ 12 ގޯލްޖަހާފައިވާއިރު އެޓީމުކޮޅަށް ވަދެފައިވަނީ 7 ގޯލެވެ.
މިފަހަރުގެ މުބާރާތުގައި އޮސްޓްރޭލިއާ ޓީމްގެ ކެޕްޓަންކަން ކުރާނީ މީގެ ކުރިން އިނގެރޭސި ޕްރިމިއަރ ލީގުގައި ބްލެކްބާބް، ވެސްޓްހަމް އަދި އެވަޓަންއަށް ކުޅެފައިވާ އުމުރުން 36 އަހަރުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ލޫކަސް ނީލްއެވެ.