ވޯލްޑް ކަޕްގެ ޓީމު ތަކުގެ ތެރެއިން ކޮސްޓަރިކާ

ކޮސްޓަރިކާ ފުޓްބޯޅަ ޓީމް
ކޮސްޓަރިކާ ފުޓްބޯޅަ ޓީމް

 

ކޮލިފައިންގައި ކޮންކާކަފް ސަރަހައްދުން ދެވަނަ ހޯދައި މުބާރާތަށް ކޮލިފައިވި ކޮސްޓަރިކާ، މިއީ ވޯލްޑްކަޕްގައި ތަމްސީލުކުރާ ހަތަރުވަނަ ފަހަރެވެ. މީގެ ކުރިން ކުރިން 1990، 2002 އަދި 2006 ގެ މުބާރާތުގައި ކުޅެފައިވާ ކޮސްޓަރިކާއަށް މިހާތަނަށް އެންމެ ކުރިއަށް ދެވުނީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގެ ދެވަނަބުރަށެވެ. މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު ގްރޫޕް ސްޓޭޖްގައި އެޓީމު ވާދަކުރަން ޖެހޭނީ އިންގްލެންޑް، އިޓަލީ އަދި އުރުގުއޭއާއެވެ. އެހެންކަމުން މިފަހަރުވެސް ގްރޫޕް ސްޓޭޖުން އެޓީމު ކަޓައިގެން ދިއުމުގެ ބިރުއެބައޮތެވެ. ވަރުގަދަ ޓީމްތަކާއި ކުރިމަލާންޖެހޭއިރު، ގަދަ 16 އަށް ދިއުމަށް އެޓީމަށް އޮތީ ވަރަށް ހަނި ފުރުޞަތެއްކަމަށް ފުޓްބޯޅައިގެ މާހިރުން ބުނެއެވެ.

މެކްސިކޯ އަދި އެމެރިކާގެ ފަހަތުން އެސަރަހައްދުން ތިންވަނައަށް އެންމެ ކާމިޔާބު ޤައުމު ކޮސްޓަރިކާ ވަނީ “ކޮންކާކަފް ޗެމްޕިއަންޝިޕް” މީގެ ކުރިން ތިންފަހަރު ކާމިޔާބުކޮށްފައެވެ. އަދި އެޤައުމުގެ ވިހި އަހަރުންދަށުގެ ފުޓްބޯޅަޓީމް ވަނީ 2009 ވަނަ އިޖިޕްޓްގައި ބޭއްވި ފީފާ ވިހިއަހަރުން ދަށުގެ ވޯލްޑްކަޕްގެ ހަތަރުވަނަ ހޯދާފައެވެ. 1921 ވަނަ އަހަރު ފުރަތަމަ ފަހަރަށް ބައިނަލްއަޤްވާމީ މެޗެއް ކުޅުން ކޮސްޓަރިކާއަކީ މިފަހަރުގެ ކޮލިފައިންގައި އެސަރަހައްދުން އެންމެ މަދުން ގޯލް ވަން ޓީމެވެ. އެޓީމު ކޮޅަށް 10 މެޗްގައި ވަދެފައިވަނީ 7 ގޯލެވެ.

ކޮސްޓަރިކާގެ ކޯޗަކީ ކޮލަމްބިއާއަށް އުފަން އުމުރުން 61 އަހަރުގެ ޖޯޖް ލުއިސް ޕިންޓޯއެވެ. 30 އަހަރުގެ ދިގު ކޯޗިން ކެރިއަރ ގައި އޭނާ ވަނީ ތަފާތު 15 ކްލަބަކަށް ކޯޗުކަން ކޮށްދީފައެވެ.މިއީ ކޮސްޓަރިކާގެ ކޯޗުކަމާއި ޕިންޓޯ ހަވާލުވި ދެވަނަ ފަހަރެވެ.  މީގެ ކުރިން އޭނާވަނީ 2004 ން 2005 އަށްވެސް އެމަޤާމު ފުރާފައެވެ. މިފަހަރުގެ މުބާރާތުގައި ވަރުގަދަ ގްރޫޕަކާއި ލައްވާލުމުން އެޓީމުގެ ވިސްނުން ބޮޑަށް ހުންނާނީ ޑިފެންސިވް ގޭމެއް ކުޅެންކަމަށް ޤަބޫލުކުރެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.