ވޯލްޑް ކަޕްގެ ޓީީމު ތަކުގެ ތެރެއިން އުރުގުއޭ

އުރުގުއޭ ފުޓްބޯޅަ ޓީމް
އުރުގުއޭ ފުޓްބޯޅަ ޓީމް

 

1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑްކަޕް އަމިއްލަ ޤައުމުގައި ކާމިޔާބުކުރި އުރުގުއޭ ވަނީ ދުނިޔޭގެ ޗެމްޕިއަންކަން ދެފަހަރު ހޯދާފައެވެ. 1950 ވަނަ އަހަރު އެޤައުމު ޗެމްޕިއަންކަން ހޯދީ ބްރެޒިލްގައި އޮތް މުބާރާތުގައި އެޓީމުގެ މައްޗަށް 2-1 ން މެޗް ކާމިޔާބުކޮށްގެންނެވެ. ފުޓްބޯޅައިގައި ދުނިޔޭގޭ އެންމެ ކާމިޔާބު ޤައުމުތަކުގެ ތެރޭގައި ހިމެނޭ އުރުގުއޭ ވަނީ މިހާތަނަށް އެޓީމު ވާދަކުރި މުބާރާތްތަކުގެ ތެރެއިން 20 މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާފައެވެ. މިއީ ދުނިޔޭގެ އެހެން އެއްވެސް ޤައުމަކަށް ހޯދިފައިވާ ކާމިޔާބެއް ނޫނެވެ. 3.4 މިލިއަން މީހުން ދިރިއުޅޭ އުރުގުއޭ އަކީ މިފަހަރުގެ ވޯލްޑްކަޕްގައި ވާދަކުރާ އެންމެ އާބާދީކުޑަ ޤައުމެވެ.

މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިވުމަށް އެސަރަހައްދުން އުރުގުއޭއަށް ލިބުނީ 5 ވަނައާއި އެކު ޕްލޭއޮފްގެ ޖާގައެކެވެ. އަދި ޕްލޭއޮފްގައި އެޓީމުވަނީ ޖޯޑަންގެ މައްޗަށް ދެމެޗުގައި 5-0 ގެ ބޮޑު ތަފާތަކުން ކާމިޔާބުކޮށް ކޮލިފައިވެފައެވެ. ދެކުނު އެމެރިކާ ސަރަހައްދުން ކޮލިފައިންގައި ޖުމްލަ 11 ގޯލާއިއެކު، އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔާ ލުއިސް ސުއަރެޒް ގެ އިތުރުން އެޑިންސަން ކަވާނީގެ ހުނަރު މިފަހަރުގެ މުބާރާތުގައި ފެނިއްޖެނަމަ އުރުގުއޭއަށް ރަނގަޅު ހިސާބަކަށް ދިއުމަކީ ވެދާނެ ކަމެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. މީގެ އިތުރުން 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އުރުގުއޭ އަށް ހަތަރުވަނަ ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރި، އެމުބާރާތުގެ މޮޅު ކުޅުންތެރިޔާ ހޯދި ޑިއޭގޯ ފޯލަން ހުރުމަކީ ޓީމަށް ލިބޭނެ ވަރަށްބޮޑު ހިތްވަރެކެވެ.

މިފަހަރުގެ މުބާރާތުގައި އުރުގުއޭގެ ކޯޗުގެ މަޤާމް އަދާކުރަމުންދާނީ އެޤައުމަށް އުފަން އުމުރުން 67 އަހަރުގެ އޮސްކާ ޓަބަރެޒްއެވެ. 2006 ވަނަ އަހަރުން ފެށިގެން އެމަޤާމު ފުރަމުން އަންނަ ޓަބަރެޒްވަނީ 1988 ން 1990 އަށްވެސް އެޤައުމަށް ކޯޗުކަން ކޮށްދީފައެވެ. 2010 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ހަތަރުވަނަ އެޤައުމަށް ހޯދައިދިން ޓަބަރެޒްވަނީ 2011 ވަނަ އަހަރުގެ ކޮޕާއެމެރިކާވެސް އެޤައުމަށް ކާމިޔާބުކޮށްދީފައެވެ.

މިފަހަރުގެ މުބާރާތުގައި އުރުގުއޭ ލައްވާލީ މަރުގެ ގްރޫޕްގައިކަމަށް ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިފަހަރުގެ އިމްތިހާނުގައި އުރުގުއޭ ކުރިމަތިލާންޖެހޭނީ ކޮސްޓްރިކާ، އިންގްލެންޑް އަދި އިޓަލީއާއެވެ. މީގެކުރިން ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ 3 ޤައުމު ހިމެނޭ މި ގްރޫޕަކީ އެންމެ ފޯރިގަދަވާނެ ގްރޫޕްކަމަށް ގިނަބަޔަކު މިހާރުވެސް ދަނީ ބުނަމުންނެވެ.

 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.